އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކޮންމެހެން ވައުދުވާން ނުޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ ވަށަފަރުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ސިޔާސީ ފަރާތްތަކުން ޕޯޑިއަމްތަކަށް އަރައި ރައްޔިތުން ބޭނުންވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި ކުނި މެނޭޖު ކުރުން ފަދަ އަސާސީ ބޭނުންތައް ފުއްދައި ދޭން ވައުދުވާ މަންޒަރު ފެނިގެންދާ ކަމަށެވެ. ނަމަވެސް އެފަދަ ވައުދުތައް އެވަނީ އެބޭފުޅުން ރައްޔިތުންނާ މެދު ނުވިސްނަވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިހުންނަނީ އަސާސީ ކަންކަމަށޭ ވާނީ، އެކަންކަމަކީ ޔަގީނުންވެސް ކޮށްދޭނެ ކަަންކަމަށޭ ވާނީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަގުތު ނެތުމުގެ ސަބަބުން ކެމްޕޭންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިނުގެންނެވު ނަމަވެސް ރައްޔިތުން ބޭނުންވާ ހުރިހާ އަސާސީ ކަންތައްތައް ޕީޕީއެމްގެ ސަރުކާރެއްގައި ފުއްދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ މައިގަނޑު އެއް މޮޓޯ ކަމަށްވާ "ގެދޮރުވެރިކަން އެންމެންނަށް، ވަޒީފާ އެންމެންނަށް"ގެ ދަށުން ހުރިހާ ރައްޔިތުންނަށް އެ މައްސަލަތަކުގައި ހައްލު ހޯދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވަރަށް ގިނަ ރަށްރަށަށް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާތީ އެފަދަ ރަށްތަކުގެ ބިން ހިތްކާދޭނެ ކަަމަށެވެ. އަދި އެފަދަ ބިންތަކުން ދޫކުރާ ގޯތިތަކުގައި އިމާރާތެއް އެޅުމަށް ލުއި ލޯން ނެގޭނެ ނިޒާމެއް ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ރަށެއް ތަފާތު ނުކޮށް ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައްޔިތުން ފުދުންތެރި ކުުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ޒިންމާ" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ވަށަފަރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން އެރަށުގައި ގާއިމުކުރަން ފަށާފައިވާ ސިޓީ ހޮޓެލްގެ މަސައްކަތް ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑުމެންނަކީ ތަރައްގީގެ ފިކުރުގެ މީހުން. މިކަން ކުރެވޭނީ އަޅުގަނޑުމެންނަނަށް،" މުއިއްޒު ވިދާޅުވި އެވެ.