ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ އާއިލީ ރަށް ވަށަފަރުން ހޫނު މަރުހަބާއެއް

ޕީޕީއެމްގެ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލީ ރަށް -- ހއ. ވަށަފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މުއިއްޒު މިއަދު މެންދުރުފަހު ވަށަފަރަށް ވަޑައިގެންނެވިއިރު އެރަށުގެ އާބާދީގެ ބޮޑު ބައެއް ބަނދަރު ސަރަހައްދަށް ނިކުމެ ތިއްބެވެ.

ވަށަފަރަށް މުއިއްޒު ފޭބުމާއެކު "ވަށަފަރު މުއިއްޒު" ހޮވަންވާނެ ކަމަށް ބުނެ މުއިއްޒުއަށް ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައިވެ އެވެ.

މުއިއްޒުގެ ބައްޕަ -- ޝައިހް ހުސެއިން އަބްދުއްރަހުމާނަކީ ވަށަފަރު ރައްޔިތުންގެ ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އޮންނަ ބޭފުޅެކެވެ. އަދި އޭނާ އަކީ ހއ. އަތޮޅުގައި ވެސް ނަން ހިނގާ އިލްމުވެރިޔެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު މިސްރުގައި ކިޔަވާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝައިހް ހުސައިން އަބްދުއްރަހްމާން އަވަހާރަވީ 2015 ވަނަ އަހަރު އެވެ.

މުއިއްޒު އުފަންވެ އުޅެ ބޮޑުވީ މާލޭގައި ކަމަށްވީ ނަމަވެސް މުއިއްޒުގެ އާއިލީ ވަރަށް ގިނަ ބޭފުޅުން މިހާރުވެސް ވަށަފަރުގައި އުޅެ އެވެ.

ވަށަފަރު ބައެއް ރައްޔިތުން ބުނާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ވަށަފަރުގެ ތަރައްގީއަށް އިސްކަންދެެއްވި އެވެ. މިފަހަރުގެ އިންތިހާބުގައި ވަށަފަރުން އެންމެ ގިނަ ވޯޓު ހޯއްދަވާނީ މުއިއްޒު ކަަމަށްވެސް ވަށަފަރުގެ ބައެއް މީހުން ބުނެފައިވެ އެވެ.