ދިވެހިރާއްޖޭގެ ކަނޑުގެ ދިރުންތަކަކީ ދުނިޔޭގެ އެހެން ތަނެއްގެ ކަނޑު ފަދަ ތަނެއް ނޫނެވެ. ދިވެހިރާއްޖޭގެ ކަނޑުތައް މާފުރިހަމަވެފައި 2000 އަށް ވުރެ ގިނަ ވައްތަރުގެ ކަނޑުގެ ދިރުން ރާއްޖެ ސަރަހައްދުގައި އުޅޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. މިސާލަކަށް ބ. ހަނިފަރުފަޅު އެއީ ޓޫރިސްޓުން އެންމެ ޝައުގުވެރިވާ އެއް ތަނެވެ.
ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތަފާތުކަމަކީ ހަގީގަތުގައިވެސް އަޖައިބެކެވެ. ޓޫރިސްޓުން ރާއްޖެ އައުމަށްފަހު އެހާ ބޮޑަށް ރާއްޖެ ދެކެ ލޯބިވަނީ ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިފަ އެވެ. މިފަހަރު މިބަލާލަނީ ޓޫރިސްޓުންނަށް ރާއްޖޭގެ ކަނޑުތަކުން ފެންނަ އެންމެ ހިތްގައިމު ދިރުންތަކަށެވެ.
ކަނޑުގައި އުޅޭ އެންމެ ބޮޑެތި ދިރުންތަކުގެ ތެރޭގައި ހިމެނޭ ވޭލް ޝާކަކީ ޓޫރިސްޓުން ރާއްޖެ އިން ފެންނަ އެންމެ ހިތްގައިމު ދިރުމެވެ. ބައެއް ގައުމުތަކުގައި ވޭލްޝާކް ފެންނަނީ ވަކި މޫސުމެއްގައި ކަމަށްވީ ނަމަވެސް ރާއްޖެއިން އަބަދުވެސް ވޭލް ޝާކް ފެނެ އެވެ. ރާއްޖެއިން އެންމެ ގިނައިން ވޭލް ޝާކް ފެންނަނީ އަރިއަތޮޅުންނެވެ.
މަޑުމައިތިރި ދިރިއުޅުމެއް އުޅޭ އަދި މާބޮޑު ނުރައްކަލެއް ނެތް ވޭލް ޝާކްގެ މައިގަނޑު ކެއުމަކީ މޫދުގައި އުޅޭ އެންމެ ކުދި މަސްމަހާމެއްސާއި ފެއްސެވެ. އެންމެ ބޮޑު ވޭލް ޝާކްގެ ދިގުމިނަކީ 18.8 މީޓަރެވެ. ރާއްޖެއިން ބޮޑެތި ވޭލް ޝާކް ފެނެ އެވެ.
ރާއްޖެ ސަރަހައްދުން ފެންނަ މަންޓާ ރޭސް ނޫނީ މަޑި އަކީވެސް އެންމެ ކުދިކުދި މަސް -- ޕްލާންކްޓަން ކައިގެން ދިރިއުޅޭ އެއްޗެކެވެ. މަންޓާ ރޭސް އަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފެންނަ އާންމު ބާވަތެކެވެ.
މަންޓާސް ރޭސް އަކީ ވައިގެ ތެރޭގައި އުދުހިލާފައި އުޅޭ ދޫންޏެއްހެން ކަނޑުގައި އުދުހިލާފައި އުޅޭ ޝައުގުވެރި ދިރުމެކެވެ. އިންސާނުންނަށް މާބޮޑު ނުރައްކަލެއް ނެތް މަންޓާ ރޭސް ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ ބ. އަތޮޅުންނެވެ. އެ އަތޮޅުން މަންޓާ ރޭސް އެންމެ ގިނައިން ފެންނަނީ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބެލިނަމަވެސް ވެލާ އެންމެ ގިނައިން ފެންނަ އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. ވެލާގެ ފަސް ބާވަތެއް ރާއްޖޭގެ ކަނޑުތަކުން ފެންނައިރު އެންމެ އާންމު ދެ ބާވަތަކީ ހޯކްސްބިލް ވެލާ އާއި ގްރީން ޓާޓަލް އެވެ. ވެލާގެ ބާވަތްތައް ރާއްޖެއިން އެންމެ އާންމުކޮށް ފެންނަނީ ޅ. އަތޮޅުންނެވެ.
ރާއްޖޭގައި 26 ވައްތަރެއްގެ މިޔަރު ދިރިއުޅޭ ކަމަށްވެ އެވެ. އެންމެ ގިނައިން ފެންނަ މިޔަރުގެ ބާވަތަކީ ބްލެކް-ޓިޕް، ވައިޓް-ޓިޕް ރީފް ޝާކް، ގްރޭ ރީފް ޝާކް އަދި ވޭލް ޝާކް އެވެ.
ރާއްޖޭގައި މިޔަރު ބެލުމަށް ޑައިވް ކުރާ ހާއްސަ ސަރަހައްދުތަކެއް ހުރެ އެވެ. މިޔަރުގެ އެންމެ ނުރައްކާތެރި ވައްތަރުތައް ވެސް މިފަދަ ސަރަހައްދުތަކުން ފެނެ އެވެ.
ނަސީބު ރަނގަޅުނަމަ އަދި ލޯއަލި މީހެއް ނަމަ ރާއްޖޭގެ ފަރުތަކުގައި ފީނާއިރު ބޯވައެއް ފެނުން އެކަށީގެން ވެއެވެ. އެއީ ގިނަ ފަހަރަށް ބޯވަ، ގާގަނޑުގައި ތަތްކޮށްލާފައި އޮންނަ ވަގުތު ގާގަނޑާއި ބޯވަ ވަކިކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ރާއްޖެއިން ފެންނަ ބޯވައެއްގެ ދިގުމިނަކީ އާންމު ގޮތެއްގައި 60 ސެންޓިމީޓަރު -- ދެ ފޫޓެވެ. ބޯވައަކީ އެ އެތީގެ މޫޑާއި މާހައުލުގެ ހާލަތަށް ބަލާފައި ކުލަ ބަދަލުކޮށްލާ މަހްލޫގެކެވެ.
މިލިޔުމުގައި ފާހަގަކުރި ދިރުންތަކުގެ އިތުރުންވެސް ފަތުރުވެރިން ޝައުގުވެރިވާ ދިރުންތައް ރާއްޖެއިން ފެނެ އެވެ. ފަތުރުވެރިން ރާއްޖެއަށް އަންނަ އެއް ސަބަބަކީ ރާއްޖެއިން ފެންނަ ދިރުންތައް ކަމަށްވާއިރު ކަނޑުގެ ދިރުންތައް އާލާކުރުމަށް ދިވެހިން ހާއްސަ އިސްކަމެއް ދޭންވެސް ޖެހެ އެވެ.