ފިނިޕޭޖް

"އަސޯކާ" ސީރީޒްގެ ޓްރޭލާ ނެރެފި

"ސްޓާ ވޯޒް" ފްރެންޗައިޒްގެ ސްޕިން-އޮފް ލިމިޓެޑް ސީރީޒް "އަސޯކާ"ގެ ޓީޒާ ޓްރޭލާ ނެރެފި އެވެ.

ޓްރޭލާއިން ފެންނަނީ އަސޯކާ ޓާނޯ އެނަކިން ސްކައިވޯކާ ކައިރި ހުއްޓަ އެވެ. އަދި ބޭލަން ސްކޯލްގެ ނެރޭޝަނުން އިވެނީ "އޯޑާގެ އެންމެނަށްވެސް އެނަކިން ސްކައިވޯކާ އަކީ ކާކުކަން އެނގޭ. އެހެނަސް އޭނާ ބަދަލުވިގޮތް ފެނުނީ މަދު ބަޔަކަށް" ބުނާ އަޑެވެ.

ދެން އަސޯކާގެ އަޑުން އިވެނީ "ކްލޯން ވޯޒް ނިމުމުގެ ކުރިން އަހަރެން އޭނަ އާއި ޖެޑައި އާ ވަކިވިން" ބުނާ އަޑެވެ. ދެން އެކި ލައިޓް ސޭބާ ހަނގުރާމަ ސީންތަކަށްފަހު ފެންނަނީ އަސޯކާ އެނެކިން އާ ހަނގުރާމަކުރަން ޕްރެކްޓިސްކުރާ ތަނެވެ. އަދި ބިރު ކަނޑާލުމަށާއި އެކަން ކުރެވޭނެކަން އެނަކިން ބުނެ އެވެ. އަދި ހެރަ ސިންދުލާއާ އެކު ގެލެކްސީ ސަލާމަތްކުރުމަށް މަސައްކަތްކުރާތަން ފެނެ އެވެ.

މި ސީރީޒްގެ ވާހަކަ ކުރިއަށްދަނީ "ރިޓާން އޮފް ދަ ޖެޑައި (1983)" އަށް ފަހުގައި "ދަ މެންޑަލޯރިއަން" ކުރިއަށްދާއިރު ގައެވެ.

މި ޓްރޭލާ ބެލުމަށްފަހު ހީވަނީ އެނަކިން ސްކައިވޯކާގެ ދައުރެއް މި ސީރީޒުން ފެންނާނެހެންނެވެ. "ސްޓާވޯޒް"ގެ ޕްރިކުއެލް ފިލްމުތަކުގައި އެނަކިން ސްކައިވޯކާ (ލޫކް ސްކައިވޯކާ އަދި ޕްރިންސަސް ލެއާގެ ބައްޕަ) ވަނީ ގޯސް މަގަށް ގޮސް، ޑާތް ވޭޑާއަށް ބަދަލުވެފަ އެވެ.

އަސޯކާ ވަނީ މީގެ ކުރިން "ދަ މެންޑަލޯރިއަން" އާއި "ދަ ބުކް އޮފް ބޯބާ ފެޓް" އިން ފެނިފަ އެވެ.

މި ސީރީޒްގައި އަސޯކާގެ ރޯލް އަދާކުރަނީ ރޮޒާރިއޯ ޑޯސަން، 43، އެވެ. އެނަކިން ސްކައިވޯކާގެ ރޯލް އަދާކުރަނީ "ސްޓާ ވޯޒް"ގެ ޕްރީކުއެލް ޓްރިލޮޖީގައި އެ ރޯލް އަދާކުރި ހޭޑަން ކްރިސްޓެންސަން އެވެ.

މި ސީރީޒްގެ އެހެން ކާސްޓުންގެ ތެރޭގައި މޭރީ އެލިޒަބަތް ވިންސްޓެޑް، ނަތާޝާ ލިއު ބޮޑިޓްޒޯ، އިވާނާ ސަކްނޯ، ޑަޔާނާ ލީ އިނޮސަންޓޯ އަދި ލާސް މިކެލްސަން އާއި ޑޭވިޑް ޓެނަންޓް ހިމެނޭއިރު، މޭ 21، 2023 ގައި މަރުވި ރޭ ސްޓީވަންސަން ބޭލަން ސްކޯލްގެ ގޮތުގައި ފެނިގެންދާނެ އެވެ.

"އަސޯކާ" ރިލީޒްކުރާނީ މިމަހު 23 ވަނަ ދުވަހު އެވެ. އަށް އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑް ރިލީޒްކޮށް، ދެން ހަފްތާއަކު އެއް އެޕިސޯޑް ރިލީޒް ކުރަމުންގޮސް އެއްކޮށް ނިންމާލާނީ އޮކްޓޯބަރު 4، 2023 ގައެވެ.