މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ގުރުނެގުން މާދަމާ ހެނދުނު، ހުޅުމާލޭގައި ގޯތި ކެނޑުން ހަވީރު

މާލޭ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން މާދަމާ ހެނދުނު 11:00 ގައި ފެށުމަށްފަހު ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް މާދަމާ ގޯތި ކަނޑައިދޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ގޯތި ލިބޭ މީހުންގެ ގުރުއަތުލުން މާދަމާ އަދި ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ދަނޑުގައެވެ. އޭގެފަހުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހެންވޭރު ދަނޑު ގައެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދާ "ބިންވެރިޔާ' ސްކީމުގައި ގޯއްޗަށް ޝަރުތު ހަމަވާ 18،955 މީހުން ދާއިމީ ލިސްޓްގައި ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މާދަމާ ހެނދުނު 11:00 ޖަހާއިރު ގުރުއަތު ނަގާނީ އެކި ގަޑިތަކުގައި އެކި މީހުން ގަލޮޅު ދަނޑަށް ހާޒިރުވެ ގުރުއަތު ނަގާ ގޮތަށް ކަމަށެވެ. މިރޭ 10:00 އިން ފެށިގެން ގުރުއަތު ނަގަން ދަނޑަށް ހާޒިރުވާން ޖެހޭ ގަޑި ޕޯޓަލް އިން ފެންނަން ހުންނާނެ ކަމަށްވެސް ބުންޏެވެ.

"ޕްލޮޓު ކަނޑަން ދާންވީ ވަގުތާއި ތަން އަންގަމުން ދާނެ. މާދަމާ ހަވީރު ޕްލޮޓު ކަނޑާ ދިނުމުގެ މަސައްކަތް ފަށާނެ،" ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވި އެވެ.

ގުރުއަތު ނެގުމާ އެކު ކޮންމެ މީހަކަށްވެސް އެމީހަކަށް ގޯތި ލިބޭ ތަނާއި ޕްލޮޓް ނަމްބަރު އެނގޭނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.