މޯލްޑިވްސް ނޭޝަނަލް ޕާޓީ

މަސް ދޯނި ބަނދެފައި ޒަމާނީ ވަސީލަތްތަކާ އެކު ދޭނަން: ނާޒިމު

ވެރިކަން ލިބިވަޑައިގެންފިނަމަ ޒަމާނީ މަސް ދޯނިތައް ބަނދެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށްފަހު ދިގު މުއްދަތަކުން ފައިސާ ދައްކާ ޚަލާސް ކުރެވޭ ގޮތަށް ސަރުކާރުން މަސް ދޯނި ދޫކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ތ. ތިމަރަފުށީގައި މިރޭ އޮތް ކެމްޕޭން ޖަލްސާއެެއްގައި ނާޒިމު ވިދާޅުވީ ތ. އަތޮޅަކީ ރާއްޖޭގައި އެކަށީގެންވާ އަދަދަކަށް ކުރިން މަސްވެރިން ތިބި ރަށެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ސިޔާސީ ބޭނުމަށް ވަޒީފާތައް އުފައްދައި ބެހުމުގެ ސަބަބުން މަސްވެރިކަން ކުރަމުން ދިޔަ އެތައް މަސްވެރިޔަކު ކުންފުނިތަކުގެ ވަޒީފާއަށް ބަދަލުވުމާ ގުޅިގެން ރަށްރަށުގައި މަހަށް ދާނެ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"މަސްވެރިން ތިބި ހާލު ވިސްނަވާ. އަޅުގަނޑު ވަރަށް ފަހުން ކުރި ދަތުރެއްގައި ދިޔައިން ދިޔަމިގިއްޔަށް. އަޅުގަނޑު ވަރަށް ފަހުން ދިޔަ ދަތުރެއްގައި ދިޔައިން ގާދިއްފުށްޓަށް. އަޅުގަނޑު ހިނގާލާފައި ރަށު ތެރެއަށް އަރަން ދިޔައިރު ފެނުނު ޖޯލީގައި އޮށޯވެލައިގެން ތިބި މީހުން. އަޅުގަނޑު އެހިން ކީއްވެހޭ އޮށޯވެލައިގެން ތި ތިބީ. އެއީ ހޮނިހިރު ދުވަހެއް. ބުނީ ނާޒިމު ސަރ އޭ ތިމަންނަމެން މިހާރު މަސައްކަތް ކުރާކަށް ނުޖެހެއޭ. ތިމަންނަމެން މިއަދު އޮށޯވެލައިގެން ތިއްބާ 8،000 ރުފިޔާ ފެނަކައިން ދޭނެއޭ. ދެމަފިރިންނަށް 16،000 ރުފިޔާ ލިބުނީމާ ހޮޓަލަކުން ކާލައިގެން ތިމަންނަމެން ތިބީމާ ނިމުނީއޭ. މިއީ މިއަދު ރައްޔިތުންނަށް ވިސްނައިދީފައިވާ ވިސްނުން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތ. އަތޮޅުގައި އެންމެ ރަނގަޅު އާބާދީއެއް އޮތް އެއް ރަށް ކަމަށްވާ ތިމަރަފުށީގައިވެސް މިއަދު އޮތީ މަހަށް ފުރާ އެންމެ ދޯންޏެއް ކަމަށެވެ. އެ ހާލަތަށް ބައެއް ރަށްރަށުގެ މަސްވެރިންގެ ހާލަތު ދިޔައީ ސަރުކާރު ކުންފުނިތަކުގައި ވަޒީފާތައް އުފައްދައިގެން ކޮށްފައިވާ ކަންކަމުގެ ސަބަބުން ކަމަށް ނާޒިމު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އިގްތިސާދު ހަލާކުކޮށްލަން މިއަށްވުރެ ބޮޑު ކަމެއް ނެތެއްނޫންތޯ ކުރާކަށް،" އޭނާ ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އިގްތިސާދަށް ބޮޑު ބަދަލެއް ގެނައުމަށް ވަކިން ހާއްސަކޮށް މަސްވެރިކަމަށް ބޮޑު ބަދަލެއް ގެންނަން ތަފާތު ވިސްނުންތަކަކާ އެކު ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މަސްވެރިކަމެއް ކުރަން ބޭނުންވާ މީހެއް ނަމަ ސަރުކާރުން އެމީހަކަށް ޒަމާނީ މަސް ދޯނިތައް ބަނދެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދިނުމަށްފަހު ދިގު މުއްދަތަކަށް ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ދޫކުރާނެ ކަމަށެވެ.

"ރައީސް މައުމޫންގެ ޒަމާނުގައި ކުރެއްވި ކަމެއް މިއީ. ރަނގަޅަށް ބޭފުޅަކު ކަމެއް ކުރައްވައިފިނަމަ އެ ވާހަކައެއް ދައްކަންޖެހޭ. އަޅުގަނޑުމެންވެސް މިއަންނަނީ ޒަމާނީ މަސްވެރި ދޯނިތައް ބަނދެ ދޭން،" ރައީސް މައުމޫންގެ ވެރިކަމުގައި ކުރެއްވި ކަމެއް ކުރައްވާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އާރްއެސްޑަބްލިއު އުޅަނދުތަކުގައި ހަރުކުރަންޖެހޭ ކަމަށެވެ. އެކަމަށް ބޮޑު ހަރަދެއް ދާތީ ދިގުމުއްދަތަކަށް ފައިސާ ދައްކާ ހަލާސްކުރެވޭ ގޮތަށް އޭނާގެ ވެރިކަމެއްގައި އެ ނިޒާމު މަސް ދޯނިތަކުގައި ގާއިމުކުރެވޭނެ ގޮތް ހަދައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަސްވެރިން ތެލަށް ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ ވެސް މިއަދު މަސްވެރިކަމުން ގެއްލުންވާ ސަބަބެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެކަމަށް ހައްލު ހޯދޭނީ ރާއްޖޭގެ ތެލުގެ ސްޓޯރޭޖު ބޮޑު ކުރެވިގެން ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ކޮށް މަސް ކިލޯއެއް އެންމެ ކުޑަކޮށްވެސް ގަންނާނީ 22 ރުފިޔާއަށް ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ ތ. އަތޮޅު ފުނައްޑޫގައި ހުއްޓިފައި ހުންނަތާ އެތައް އަހަރެއް ވެފައިވާ މަސް ފެކްޓަރީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންނާނެ ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ.

ގައުމުގެ ހާލަތު ބަދަލުކޮށް ހެޔޮ ގޮތްތައް ރައްޔިތުން ބޭނުންވާނަމަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ލާ ވޯޓުގައި އޭނާ އަށް ވޯޓު ދެއްވުމަށްވެސް ނާޒިމު ވަނީ އެދިވަޑައިގެންފަ އެވެ.