ރައީސް މުހައްމަދު ނަޝީދު

ޔާމީން ގެއަށް ބަދަލުކޮށްދޭން އީޔޫގައި ނަޝީދު އެދިވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އީޔޫގެ ވަފްދުގެ އެހީތެރިކަމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖެއަށް ވަޑައިގެން ތިއްބެވި އީޔޫ ވަފުދުގެ އަރިހުން ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ މިއަދު މަޖިލީސް އިދާރާގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރު ނާޗޯ ސަންޗެޒް އަމޯ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ނަޝީދު އީޔޫ ވަފުދުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީ އިންސާފުވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ގދ. ގައްދޫގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޑިމޮކުރެޓްސް އާއި އެކުގައި މަސައްކަތް ކުރުމަށް ކޯލިޝަން އެއްބަސްވުމެއްގައި ޕީޕީއެމް އިން ސޮއި ކުރާތާ ހަފްތާއެއްގެ ތެރޭގައި ޔާމީން ގޭބަންދަށް ބަދަލު ކޮށްދޭނެ ކަމަށްވެސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު 1،000 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ. މިހެން ވުމާއެކު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ގެއްލިފަ އެވެ.

ރައީސް ޔާމީނުގެ ބަދަލުގައި އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ ޑރ. މުހައްމަދު މުއިއްޒު އެވެ.