ފިނިޕޭޖް

ޒޯއީ ޑެޝަނެލް އާއި ޖޮނަތަން ސްކޮޓް އެންގޭޖްވެއްޖެ

"ނިއު ގާލް"ގެ ޒޯއީ ޑެޝަނެލް، 43، އާއި "ޕްރޮޕަޓީ ބްރަދާސް"ގެ ޖޮނަތަން ސްކޮޓް، 45، އެންގޭޖްވެއްޖެ އެވެ.

ޒޯއީ މި ހަބަރު ހިއްސާކޮށްފައިވަނީ އިންސްތަގްރާމް ޕޯސްޓެއް ގައެވެ. އެ ޕޯސްޓްގައި ޖޮނަތަން އާއެކު ހިނިތުން ވަމުން ނަގާފައިވާ ފޮޓޯގައި ޒޯއީގެ އިނގިލީގައި އަޅާފައިވާ ބޮޑު އަލިމަސްތަކެއް ޖެހި އަގޮޓި ދައްކާލާފައިވެ އެވެ.

ޖޮނަތަން، ޒޯއި ގާތު ކައިވެނިކުރުމަށް އަހާފައިވަނީ ސްކޮޓްލެންޑަށް ކުރި ފެމިލީ ދަތުރެއްގައި "ކާޕޫލް ކަރައޯކޭ"ގެ އެޕިސޯޑެއް ޝޫޓް ކުރަނިކޮށެވެ.

މިކަމުގައި ޒޯއީގެ ދެ ކުދިން، އެލްސީ، 8، އާއި ޗާލީ، 6، ބައިވެރިވި އެވެ. ޖޮނަތަން އާއި އޭނާގެ ޓްވިން ޑްރޫ އަކީ ސްކޮޓްލެންޑް ދަރިކޮޅުގެ ދެބެންނެވެ.

މީގެ ހަފްތާއެއް ކުރިން މި ދެ ލޯބިވެރިން ވަނީ އެކުވިތާ ހަތަރު އަހަރުގެ އެނިވާސަރީ ފާހަގަކޮށްފަ އެވެ. ޒޯއީ އާއި ޖޮނަތަން ދިމާވީ އޮގަސްޓް 2019 ގައި ޖޭމްސް ކޯޑަންގެ "ކާޕޫލް ކަރައޯކޭ" އެޕިސޯޑަކުންނެވެ.

އޭގެ ފަހުން ރައްޓެހިންގެ ގޮތުގައި ގުޅުން ބަދަހިވި އެވެ. އަދި ސެޕްޓެމްބާ 2019 ގައި މި ގުޅުން ލޯތްބަށް ބަދަލުވި ތަން ފެނުނު ނަމަވެސް، ރަސްމީކޮށް ގުޅުނުކަން ހާމަކުރީ އެ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މި ދެ ލޯބިވެރިން ވަނީ ޖޫން 2020 ގައި ފަސް ކޮޓަރީގެ ގެއެއް އެކުގައި ގަނެފަ އެވެ.

ޒޯއީ ވަނީ މީގެ ކުރިން އޭނާގެ ކުދިންގެ ބައްޕަ ޖޭކަބް ޕެޗެނިކް އަދި ބެން ގިބާޑްއާ ކައިވެނިކޮށްފަ އެވެ. ޖޮނަތަން 2007 – 2010 އަށް ކެލްސީ އުލީއާ ކައިވެނި ކުރި އެވެ. އަދި އޭގެ ފަހުން ޖަސިންތާ ކުޒްނެޓްސޯވްއާ އޭޕްރިލް 2018 އާ ހަމައަށް ގުޅުން އޮތެވެ.