ފިނިޕޭޖް

ނޭމާ އަލްހިލާލްއަށް ސޮއިކޮށްފި

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ފްރާންސްގެ ފީއެސްޖީ ދޫކޮށްލައި ސައުދީ އަރަބިއްޔާގެ މަޝްހޫރު ކުލަބެއް ކަމަށްވާ އަލް ހިލާލް އަށް ސޮއިކޮށްފި އެވެ.

ނޭމާ ހިލާލަށް ސޮއިކުރިކަން އެ ޓީމުން މިހާރު ވަނީ ރަސްމީކޮށް ކަށަވަރު ވެސްކޮށް ދީފަ އެވެ.

އެ ޓީމަށް އޭނާ ސޮއިކުރަން ބޭއްވި ހަފްލާގެ ފޮޓޯ އާއި ވީޑިއޯ، ނޭމާ އާއި ހިލާލުގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ނޭމާ ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް ފީގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޔޫރޯ (98.24 މިލިއަން ޑޮލަރު) ނޭމާ އަށް ލިބޭނެ ކަމަށްވެ އެވެ. އުމުރުން 31 އަހަރުގެ ނޭމާ މިހާރު ދަނީ މެޑިކަލް ޓެސްޓް ހަދަމުންނެވެ

ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ނޭމާ ސޮއިކުރީ ދެ އަހަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަހަރެން މިހުރީ ސައުދީ އަރަބިއްޔާގައި، އަހަރެން މިހުރީ ހިލާލްގައި،" ހިލާލްގެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ނޭމާ ބުނެފައިވެ އެވެ.

ޔޫރަޕްގައި ގިނަ ކާމިޔާބީތަކެއް ނޭމާ ހޯދާފައިވީ ނަމަވެސް އަބަދުވެސް ބޭނުންވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބު ހޯދުމަށް ކަމަށް ނޭމޭ ބުނެފައިވެ އެވެ.