ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ މައްސަލައެއް ގޮތަށް، އެމަނިކުފާނުވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް އެއީ ހިނގަހިނގާ އޮތް ޝަރީއަތަކަށް ވާތީ އެކަމުގެ ތެރެއަށް ވަދެވަޑައިގެން ޝަރީއަތަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"ޝަރީއަތެއްގެ މެދުތެެރޭގައި އޮއްވައި އެެކަމާ ދޭތެރޭގައި ގޮތެއް ނިންމުމުގެ ބާރު އަޅުގަނޑަކަށްވެސް ނޯވޭ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމާ، ދެން އަންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮންނަ ކަމެއް ކޮށްދިނުމުގެ އިހުތިޔާރު އަޅުގަނޑަށް ވެސް އޮންނަނީ،" އއ. ރަސްދޫގައި މިއަދު އޮތް ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނަށް މީގެކުރިންވެސް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކަމަށާއި ނަަމަވެސް ސުޕްރީމް ކޯޓް މަރުހަލާ އިން އެ ހުކުމް ބާތިލް ކުރި ކަމަށެވެ. އޭރުވެސް ޝަރުއީ ދާއިރާގެ ނިންމުންތަކަށް ބަސް ވިދާޅުވެ ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ސޯލިހް ކެމްޕޭންގައި އަތޮޅުތަކުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލާތީ އެކަމުގައި ރައީސް ވަނީ ވާހަކަދައްކަވާފަ އެެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލުމަކުން އަދި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލުމަކުންވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނުނިމެނީސް ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ދެއްވެން އޮތް ލުއިވެސް ރައީސް ޔާމީނަށް ދެވެން ނެތް ކަމަށެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް ހައިކޯޓުގައި ވެސް އެދިފައިވެ އެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.