ފިނިޕޭޖް

ޕެރިސް ހިލްޓަންގެ "ހައުސްވެއާޒް ކަލެކްޝަން" ނެރެފި

ފިޔާތޮށި ކުލަދެކެ ލޯބިވާ ޕެރިސް ހިލްޓަން، "ޕެރިސް ހިލްޓަން ހައުސްވެއާޒް ކަލެކްޝަން"ގެ ނަމުގައި މަޑު ފިޔާތޮށި ކުލައިގެ ލައިންއެއް ތައާރަފްކޮށްފި އެވެ.

އެމެޒޯންއިން ގަންނަން ލިބޭ ހައުސްވެއާޒް ލައިންގައި އެކި ސައިޒްގެ ތެލި ސެޓާއި ޕޭން ތިން ޕްރޮޓެކްޓާ، މިނީ ފްރިޖް، ޑައިމަންޑް ބްލިން ޖަހާފައިވާ ފެންބޯ ތަށި، ވަޅި ސެޓާއި، ކަޓިން ބޯޑް، ފްރެންޗް ޕްރެސް، އަޑު ގޮވާ ފެންކައްކާ ކުރާ، ބޭކްވެއާ ސެޓް، ދޭފަތް ސެޓް އަދި ކަޓްލަރީ ސެޓް ހިމެނެ އެވެ.

މި ތަކެތި ތެރޭގައި ތެލި ސެޓް މަޑު ފިޔާތޮށި ކުލައިގެ އިތުރުން ތިން ކުލައިން ލިބެން ހުރިއިރު، މި ތެލިތައް ވަނީ ރަންކުލައިގެ ލައިންއަކުން ޒީނަތްތެރިކޮށްފަ އެވެ. ހަމަ އެހެންމެ ފެންބޯ ތަށިތައް ހަތަރު ކުލައަކުން ލިބެން ހުރިއިރު، ވަޅި ސެޓް، ކަޓްލަރީ ސެޓް އަދި ދޭފަތް ސެޓް މަޑު ފިޔާތޮށި ކުލައާއި ކަޅު ކުލައިން ލިބެން އެބަހުއްޓެވެ. އަދި ފެންކުރާގައި ޕެރިސްގެ މަޝްހޫރު އިބާރާތް "ދެޓްސް ހޮޓް" ލިޔެފައިވެ އެވެ.

"ޕެރިސް ހިލްޓަން ހައުސްވެއާޒް ކަލެކްޝަން"ގެ ކުލަތައް "ބާބީ"ގެ ކުލަތަކާ ގުޅޭކަން ފޭނުން ވަނީ ފާހަގަކޮށްފަ އެވެ.

ޕެރިސް އަކީ ކެއްކުމާއި ބަދިގެއަށް އާ މީހެއް ނޫނެވެ. އޭނާ ވަނީ 2021 ގައި ނެޓްފްލިކްސްގެ ރިއަލިޓީ ކުކިން ޝޯއެއް ކަމުގައިވާ "ކުކިން ވިތް ޕެރިސް" ގެނެސްދީފަ އެވެ.

މި ޝޯގައި ޕެރިސް ތަފާތު ތަކެތި ބޭނުންކޮށްގެން އާ ރެސިޕީތައް ތައްޔާރުކުރިއިރު، އޭނާގެ ސެލެބްރިޓީ ރައްޓެއްސެއް ކޮންމެ އެޕިސޯޑަކަށް އަރަ އެވެ. އެންމެ ފަހު އެޕިސޯޑަށް އެރީ ޕެރިސްގެ މަންމަ ކެތީ ހިލްޓަން އާއި ކޮއްކޮ ނިކީ ހިލްޓަން އެވެ.

ހަ އެޕިސޯޑްގެ މި ޝޯ ވަނީ އެއް ސީޒަނަށްފަހު ނެޓްފްލިކްސް އިން ކެންސަލްކޮށްފަ އެވެ.

މީގެ އިތުރުން ޕެރިސް އަކީ ސެންޓު ލައިންއެއް ނެރެފައިވާ ސެލެބްރިޓީ އެކެވެ.