ފިނިޕޭޖް

"ބާބީ"ގެ ކާމިޔާބީއާ ގުޅިގެން މާގޯ ރޮބީއަށް ބޮޑު ފައިދާއެއް

ވޯނާ ބްރަދާސްގެ "ބާބީ"ގެ ލައިވް އެކްޝަން ފިލްމުގެ ބޮޑު ކާމިޔާބީގެ ސަބަބުން މާގޯ ރޮބީއަށް އެކްސްޓްރެސް އަދި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ބޮޑު ފައިދާއެއް ވެއްޖެ އެވެ.

ރަޔަން ގޮސްލިން، އެމެރިކާ ފެރޭރާ އާއި ގިނަ އަދަދެއްގެ އެކްޓަރުން / އެކްޓްރެސުންނާއެކު ކުޅެފައިވާ މި ފިލްމުގެ ހަތަރު ޕްރޮޑިއުސަރުންގެ ތެރެއިން، 33 އަހަރުގެ މާގޯ އާއި އޭނާގެ ފިރިމީހާ ޓޮމް އެކާލީ އަކީ (ލަކީ ޗެޕް އެންޓަޓޭންމަންޓް މެދުވެރިކޮށް) މި ފިލްމްގެ ދެ ޕްރޮޑިއުސަރުންނެވެ.

މިދިޔަ ޖުލައި 21 ގައި ރިލީޒްކުރުމަށްފަހު "ބާބީ" ވަނީ ތިން ހަފްތާ ތެރޭގައި ބޮކްސް އޮފީހުގައި 1.2 ބިލިއަން ޑޮލަރު ހާސިލްކޮށްފަ އެވެ. އަދި މި ކާމިޔާބީގެ ސަބަބުން މި ފިލްމުގެ ޑައިރެކްޓަރު ގްރޭޓާ ގާވިގް ވަނީ "ފްރޯޒަން 2"ގެ ޑައިރެކްޓަރު ޖެނިފާ ލީ ދެވަނަ އަށް ވައްޓާލާ، އެހާ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ އަންހެން ޑައިރެކްޓަރަށް ވެފަ އެވެ.

މިއީ ވޯނާ ބްރަދާސްގެ ތާރީހުގައި "ހެރީ ޕޮޓާ އެންޑް ދަ ޑެތްލީ ހެލޯސް ޕާޓް 2" އަށްފަހު ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމެވެ. އަދި މި ފިލްމްގެ ލީޑް އެކްޓްރެސް އާއި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މާގޯއަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ މުސާރައަކާއި ބޮޑު ބޯނަހެއް ލިބޭނެ ކަމަށްވެ އެވެ.

މިކަމާ ބެހޭގޮތުން މާގޯގެ ތަރުޖަމާން އާއި ވޯނާ ބްރަދާސްގެ ފަރާތުން އެއްވެސް ކޮމެންޓެއް ނުލިބެ އެވެ.