ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މަލާމާތާއި ފާޑުވިދާޅުވުން ޔާސިރާއި އާތިފަށް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދަ ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ރޭ ގުޅިވަޑައިގެންފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުށްޓަށް ވަޑައިގެން އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއާ އެކު މިއަދު ކުޅުދުއްފުށްޓަށް ވަޑައިގެން ތާއީދުކުރާ މީހުންނާ އެކު ބޭއްވި ބައްދަލުުވުމެއްގައި ޔާސިރާއި އާތިރަށް އަމާޒުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންނަކީ އަމިއްލަ ޒަމީރު އެހާ ވަރުގަދަ ބައެއް ނޫން ކަމަށެވެ.

"އެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތީ ވަގުތީ އުފަލުގެ އަޖަލުގައި،" ނަޝީދު ވިދާޅުވި އެވެ.

މެންބަރު ޔާސިރަށް އިޝާރާތް ކުރައްވާ އެކަމަކު ވަކި ނަމެއް ވިދާޅު ނުވެ ރައީސް ނަޝީދު ވިދާޅުވީ ޒުވާނުން ސިޔާސީ މައިދާނަށް ނެރުމަށް ކުރައްވާ މަސައްކަތުގައި އެންމެ ހާއްސަ ކަމެއް ދެއްވި އެއް ބޭފުޅަކީ ކުޅުދުއްފުށި ޒުވާން ކުއްޖެއް ކަމަށެވެ. އެ ޒުވާނާއަށް މަޖިލިސް މެންބަރުކަމާއި ކޮމިޓީއެއްގެ މުގައްރިރުކަން ހޯދައިދީ އެކި ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ގިނަ ވަގުތުތަކެއް ވެސް ދެއްވި ކަމުގައި ވިދާޅުވި އެވެ.

"އެކަމަކު ވަގުތީ ފައިދާއެއްގެ ދަޅައިގައި ޒުވާން އުމުރުގައި ބައެއް ބޭފުޅުން ޖެހިދަނީ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ޒުވާން ބޭފުޅުން އެހާ ބަލިކަށިވިޔަސް ކުޅުދުއްފުށީ ރައްޔިތުންނަކީ އެހާ ފަސޭހައިން ގުނޑުވާލެވޭނެ ބައެއް ނޫން ކަމަށެވެ. ކުޅުދުއްފުށިން ދަ ޑިމޮކްރެޓްސްއަށް ރަނގަޅު އަގުލަބިއްޔަތެއް ލިބުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްތައް ތަރައްގީކުރުމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ތަސައްވުރެއް އޮންނައިރު ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިއްބަވާ ބޭފުޅުން އެ ތަސައްވުރު ވިޔަފާރި މުއާމަލާތަކަށް ހެދުމަކީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށެވެ.

ޔާސިރާއި އާތިފްއާ އެކު އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އަށް ކުރިން ވަޑައިގެންނެވި ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުންގެ ތެރެއިން ތިން ކައުންސިލަރުން ވެސް ރޭ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މިބަދަލާ އެކު ކުޅުދުއްފުށީގެ ކައުންސިލްގެ މެޖޯރިޓީ ވެސް މިހާރު ވަނީ އެމްޑީޕީއަށް އަލުން ލިބިފަ އެވެ.

އެމްޑީޕީއާ ރޭ އަލުން ގުޅިވަޑައިގެންނެވި ބެފުޅުންގެ ތެރޭގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަކްރަމްވެސް ހިމެނެ އެވެ.