ޑރ. މުހައްމަދު މުއިއްޒު

އަޅުގަނޑު ވައުދެއްވިއްޔާ އެކަމެއް ކޮށްދޭނަން: މުއިއްޒު

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ވައުދެއް ވެއްޖެނަމަ ރައްޔިތުންނަށް އެކަމެއް ކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ހުޅުދެލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އޭނާ ވައުދުވާ ކޮންމެ ކަމަކީ ކޮށްދޭނެ ކަމެއް ކަމަށެވެ. ނުކޮށްދެވޭ ވަރު ކަމެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މިކެމްޕޭންގައި އުޅުއްވާ އެއްވެސް ބޭފުޅަކު ނުދައްކަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކާނީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެކީގައި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންތައްތައް ކުރެވޭނެ ގޮތް ރާވައި އެކަންތައްތައް ހާސިލްކޮށް އޭގެ ނަތީޖާވެސް ނެރޭނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކަންތައް ކުރަމުންދާ ގޮތާ މެދު ވިސްނައި މި ސަރުކާރާއި އެކު ކުރިއަށް ދިޔުމުން ދެން ކަންވާނެ ގޮތާ މެދުވެސް ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން މިއޮތް ހިސާބާއި އަމިއްލަ ވަންތަކަން ގެއްލިފައިވާ ހިސާބަށް އެބަ ޖެހޭ ވިސްނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަސް ކައިރިވެފައިވާއިރު އެކިކަހަލަ ނުފޫޒުތަކާއި ކުރިމަތިލައްވަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ނުފޫޒުތައް އެއްފަރާތްކޮށް ރައްޔިތުން ވިސްނަން ޖެހޭނީ ގައުމުގެ މުސްތަގުބަލާއި އުޖާލާކަމާއި ދޭތެރޭގައި ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކުނި މެނޭޖު ކުރުމަށް ސަރުކާރުން ސަމާލު ކަމެއް ދީފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އެކި ކަހަލަ ބަލިމަޑު ކަމާއި ރައްޔިތުން ކުރިމަތިލާން ޖެހޭ ކަމަށެވެ.

"ރަނގަޅު ފެންވަރުގައި ކުނި މެނޭޖު ކުރެވޭނެ ގޮތް ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު އިންތިޒާމެއްގެ މަތިން ރަނގަޅު ޕްރޮގްރާމެއް ބާއްވައިގެން މަޝްރޫއެއް ކުރިއަށް ގެންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންޏަކީ އަސާސީ ގޮތެއްގައި ސަރުކާރުން ކައުންސިލް މެދުވެރިކޮށް އަދި މަރުކަޒީ ގޮތެއްގައިވިޔަސް ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް އޭނާގެ ވެރިކަމެއްގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާ ވެރިކަމަށް ހޮވިއްޖެނަމަ ހުޅުދެއްޔައް ކަންތައްތަކެއް ކޮށްދިނުމަށްވެސް ވައުދުވެފަ އެވެ. އެގޮތުން އެ ރަށުން ތެޔޮ އަދި އައިސް ލިބޭނެ ނިޒާމު ގާއިމުކޮށް އެކަމުން އެ ރަށުގެ މަސްވެރިންނަށް އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ މަސްވެރިންނަށްވެސް މަންފާ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް އެ މަރުކަޒުން ލިބޭ ހިދުމަތްތައް ރަނގަޅުކޮށް، ލެބޯޓަރީގެ ހިދުމަތާއި އެހެނިހެން ހިދުމަތްތައްވެސް ހިމެނޭގޮތަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަނގަޅު ތައުލީމީ ނިޒާމެއް ގާއިމުކުރެވޭނީ ރަނގަޅު ޓީޗަރުންވެސް ހުރެގެން. ކްލާސްރޫމުތައް އިތުރުކޮށް ހިދުމަތްތައް ވެސް އިތުރުކޮށްގެން. މިހުރިހާ ކަމެއް ބައްޓަން ކުރެވުނީމަ ރަނގަޅު ޖީލެއް ބިނާވެގެން ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރު ކުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ 2013 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ވަރަށް ބޮޑު އިސް ކަމެއް ދީފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް އެ ރަށުގައި ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

އޭޓިއެމް ގާއިމު ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއެއް ހުޅުދެލީގައި ކުރިއަށް ގެންދިއުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.