ފ. މަގޫދޫ

މުއިއްޒުގެ ވައުދު: މަގޫދޫ ފަޅުގައި ތިން ރިސޯޓު ހެދުން

ވެރިކަން ލިބިވަޑައިގެންފިނަމަ ފ. މަގޫދޫ ފަޅުގައި ތިން ރިސޯޓް ހަދައިދިނުމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ޕީޕީއެމް އަށް ބޮޑު ތާއީދެއް އޮންނަ ފ. ނިލަންދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ މަގޫދޫގައި ތިން ރިސޯޓް ހަދާނީ އެ ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބޭ ފައިސާ އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް ހަރަދުކުރަން ލިބޭ ގޮތަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަގޫދު ވަރަށް ބޮޑު ރީތި ފަޅެއް އޮންނަ ރަށެއް ކަމަށްވާތީ ފަޅު ހިއްކައިގެން ތިން ރިސޯޓް ހެދިދާނެ ކަމަށެވެ. އަދި މިފަދަ މަޝްރޫއެއްގެ ތެރެއިން ފ. އަތޯޅަށް އިގްތިސާދީ ފައިދާތަކެއް ލިބި ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ މަގޫދޫ ފަޅު ތެރެއިން ހާސިލްކުރެވެން އޮތް ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ފައިދާ ރަށްތަކުގެ ރައްޔިތުންނަށް ލިބޭ ގޮތަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒުގެ ކެމްޕޭން ފެށުނީ ތަންކޮޅެއް ފަހުން ކަމަށްވާތީ އޭނާ އަތޮޅު ތެރޭގައި ކެމްޕޭން ޖަލްސާތައް ބާއްވަނީ ބޮޑެތި ރަށްރަށުގައި ޖަލްސާތައް ބާއްވާއިރު ކައިރި ރަށްތަކުގެ ރައްޔިތުން އެރަކަށް ގެނެސްގެންނެވެ. އެގޮތުން ރޭގެ ޖަލްސާގައި ފ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ބައިވެރިވި އެވެ.

މިޖަލްސާގައި މުއިއްޒު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފ. އަތޮޅުގެ ވަކިވަކި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ހިއްސާކުރައްވާފަ އެވެ. މީގެތެރޭގައި ފުޓްބޯޅަ ދަނޑުތައް ހެދުމާއި ބަނދަރުތަކާއި މަގުތައް ހެދުމާއި ސްކޫލުތައް އެޅުން ފަދަ ކަންކަން ހިމެނެ އެވެ.