ގާސިމް އިބްރާހިމް

ކެމްޕޭންގައި ގާސިމް ފުރަތަމަ ފަހަރަށް އަތޮޅު ތެރެއަށް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ފުރަތަމަ ފަހަރަށް އަތޮޅު ތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުތައް ފައްޓަވައިފި އެވެ.

ގާސިމްގެ މިދަތުރުތައް މިއަދު ފުރަތަމަ ފެއްޓެވީ ހދ. އަތޮޅާއި، ށ. އަތޮޅުންނެވެ.

ގާސިމް ފުރަތަމަ ވަޑައިގަތީ ހދ. އަތޮޅުގައި އެންމެ އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫ އަށެވެ.

ޖުމްހޫރީ ޕާޓީން ބުނީ ގާސިމް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އަދި ބައެއް ޖަލްސާތައް ބާއްވާނެ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ޑޯޓްޑޯ ޕްރޮގްރާމުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ އުފަން ރަށް -- އދ. މާމިގިލީގައި މިދިޔަ ހަފްތާގައި މެނިފެސްޓޯ ލޯންޗްކުރުމުގެ ޖަލްސާ ބާއްވާފަ އެވެ.

ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމާ ހަވާލުކުރީ މިދިޔަ ޖޫން ނުވަވަނަ ދުވަހުގެ ރެ އެވެ.

ގާސިމްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކަށް ހަމަޖައްސާފައިވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.