ފިނިޕޭޖް

ޖެސިކާ އަލްބާ ގެ މަރާމާތުކުރާ ޝޯއަކަށް

"އޮނަސްޓް ރެނޮވޭޝަންސް"ގެ ނަންދީފައިވާ މި ޝޯގައި ޖެސިކާގެ ކުންފުނި، އޮނަސްޓް ކޮމްޕެނީ މެދުވެރިކޮށް އޭނާގެ ރަހްމަތްތެރިޔާ ލިޒީ މެތިސް އާއެކު ކުދިން ބެލުމުގައި ދަތިތަކާ ކުރިމަތިލަމުންދާ މައިންބަފައިންނަށް ގެ މަރާމާތުކޮށްދެ އެވެ.

ލިޒީއަކީ "ދަ ކޫލް މަމް ކޯ" ގެ ފައުންޑަރު އަދި އެޑިޓަރެވެ. ޖެސިކާ އާއި ލިޒީ އަކީ މި ޝޯގެ ކޯ-ހޯސްޓުންގެ އިތުރުން އެގްޒަކަޓިވް ޕްރޮޑިއުސަރުންނެވެ.

"އަހަރެންނަކީ ގޭގޭ ޑިޒައިންކުރުމަށް ވަރަށް ޝައުގުވެރިވާ މީހެއް. އަހަރެންގެ ހަޔާތުގައި ކުޑަ އަދި ބޮޑު މަރާމާތު / ބަދަލު ކުރާ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފިން. އޭގެން އަހަރެންނަށް ކާމިޔާބާއި ހިތިތަޖުރިބާތަކާއެކު އަހަރެންނަށް ވަނީ ފަސޭހަ ކަންކަމާއި ބައެއް އުކުޅުތައް މިހާރު ދަސްވެފައި،" ޕީޕަލްއަށް ދިން އިންޓަވިއުއެއްގައި ޖެސިކާ ބުންޏެވެ.

ޖެސިކާ އިތުރަށް ބުނީ އޭނާއަށް ދަސްވެފައިވާ ކަންކަން ބޭނުންކޮށްގެން، ބޮޑުވަމުން އަދި ބަދަލުވަމުން އަންނަ އާއިލާތަކުގެ މީހުންނަށް އެހީ ވެދިނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކޮންމެ ތާކު ދިރިއުޅޭ ކޮންމެ މީހަކަށްވެސް، ކޮންމެ ބަޖެޓަކުން މަސައްކަތް ކުރިއަސް ކޮންމެ އެޕިސޯޑަކުން ދަސްވާނެ ކަމެއް ހުންނާނެ ކަމަށްވެސް ޖެސިކާ ބުންޏެވެ.

ޖެސިކާ އާއި އޭނާގެ ފިރިމީހާ ކޭޝް ވޮރަންގެ 15 އަހަރުގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އެއީ 15 އަހަރުގެ އޮނާ، 11 އަހަރުގެ ހޭވަން އަދި 5 އަހަރުގެ ހޭޒް އެވެ.

ލިޒީ ބުނީ އޭނާ އަކީ އެކަނިވެރިމައެއްގެ ދަރިއެއް ކަމަށާއި އޭނާގެ މަންމަ ގެ ހަދާފައިވަނީ ވަރަށް ރައްކާތެރި މާހައުލަކަށް ކަމަށެވެ. އަދި ލިޒީއަށް އަށް ދުނިޔެ ބަލާލުމުގެ ނަސީބު މެދުވެރިކުރެއްވި ކަމަށާއި އެ ތަޖުރިބާއިން އެކި ސަގާފަތާއި ޑިޒައިންގެ ނުފޫޒުތައް ދަސްވެފައިވާ ކަމަށް ލިޒީ ބުންޏެވެ.

ހުކުރު ދުވަހު ފެށި މި ޝޯގެ ފުރަތަމަ ސީޒަންގައި ހަ އެޕިސޯޑް ހިމެނޭއިރު، މި ހުރިހާ އެޕިސޯޑެއް މިހާރު ބެލޭނެ އެވެ.