އެމްޑީއޭ

އެމްޑީއޭގެ އައްބާސް އެމްޑީއޭގެ ރަފިއްޔާއަށް ހަމަލާދިން މައްސަލައެއް ފުލުހަށް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް އެ ޕާޓީގެނައިބް ރައީސް އައިޝަތު ރަފިއްޔާ އަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ރަފިއްޔާ ވިދާޅުވީ އައްބާސް އޭނާގެ ބަނޑުގައި ޖެހީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ފުލުހުން މައްސަލަ ބަލާތީ މިވަގުތު އިތުރު ތަފްސީލް ހިއްސާކުރަން އަޅުގަނޑަށް ދަތި،" އޭނާ ވިދާޅުވި އެވެ.

ރަފިއްޔާ އިތުރަށް ވިދާޅުވީ ހަމަލާއަށްފަހު ޑޮކްޓަރަށް ދެއްކި ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ އޮންނެވީ "ބެޑް ރެސްޓް"ގައި ކަމަށެވެ.

މިމައްސަލަ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެކަމަކު މިކަމެއް ހިނގީ ހުޅުމާލޭގައި ޖަގަހައެއް ހުޅުވަން އުޅުނު ވަގުތެއްގައި ކަމަށް އެނގިފައިވެ އެވެ.

ރަފިއްޔާ އާއި އައްބާސް އަކީ އެމްޑީއޭ އުފެއްދުމުގެ މަރުހަލާ އިން ފެށިގެން އެ ޕާޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ. އަދި މި ދެ ބޭފުޅުންނަކީ އެމްޑީއޭގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމު މުހައްމަދުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.