ހއ. ދިއްދޫ ސިޓީ އަކަށް ބަދަލުކޮށްދިނުމަށް ޑިމޮކުރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފި އެވެ.
ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ދިއްދޫ އަކީ ވަރަށް ގިނަ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށެވެ. ދިއްދޫގެ އިގްތިސާދު އިތުރަށް ކުރިއެރުވުމުގެ ގޮތުން އެ ރަށުގައި އާބަން ސެންޓަރެއް އަޅައި ބިމުގެ ޖާގަ އިތުރުކޮށް އެ ރަށް ސިޓީ އަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ދިއްދޫގައި ދިރިއުޅެވޭނެ ގޮތްތައް ހޯދައި އެ ރަށަށް މީހުން "އެޓްރެކްޓް" ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމަކީ ދިއްދޫގެ ރއްޔިތުން އަބަދުވެސް އެދޭ ކަމެއް ކަމަށެވެ. އަދި އަލިދުއްފަރު ފިނޮޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަދައިދީ ރަށުގެ އާބާދީ އިތުރުކުރުމަކީ އެ ރަށުގެ ރައްޔިތުން އެދޭ ކަމެއް ކަމަށްވާތީ އޭނާގެ ވެރިކަމެއްގައި އެކަންކަމުގައި އެހީތެރިވެ ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެކަން ކުރަން މި އަންނަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ތިބޭފުޅުންނާ އެކީ އެ މަސައްކަތް ހިންގުމަށް. އާ މަންޒިލްތަކަށް މި ދިއްދޫ ހެދުމަށް. ސިޓީ އަކަށް ހެދުމަށް. ސިޓީ އެއްގެ ދަރަޖަ އަށް ގެނައުމަށް ކުރަންޖެހޭ ބަދަލުތައް ގެނައުމަށް މި އަންނަނީ،" އިލްޔާސް ވިދާޅުވި އެވެ.
ބޭނުންވާ ގޮތަށް ކަންކަން ކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެ ކަމަށް އިލްޔާސް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ޑިމޮކްރެޓުން ނިކުމެ އެ ތިބީ އެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ކަމަށާއި އެ ގޮންޖެހުންތައް ގިރާކޮށް މަންޒިލަށް ވާސިލްވުމަށް ކުރެވެން އޮތް ކަމެއް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި މިއުޅެނީ ޖަމްޕެއް ޖަހާކަށް ނޫން. ކަނޑު ކިތަންމެ ގަދަވިޔަސް އަދި މަޑުވިޔަސް މަންޒިލަށް ވާސިލްވާނެ،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރޭގައި މާލެ ސަރަހައްދަށް ޖަމާވެފައިވާ އާބާދީ އެހެން ހިސާބުތަކަށް ބަދަލުކޮށް ބޮޑުތިލަދުންމަތީގައި އާބަން ސެންޓަރުތަކެއް ހެދުން ހިމެނޭ ކަމަށެވެ. ދިއްދޫ އަކީ އެކަން ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މިރަށުގަ އާބާދީގެ މަސައްކަތާއި ވަޒީފާތައް އިތުރުކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލު ގެންނާނަން. މާލޭގެ މިނިސްޓްރީތަކުގައި ހުރި ވަޒީފާތައް މި ސަރަހައްދަށް ބަދަލުވާން ޖެހޭ. މީހުންނާ އެކީ ބަދަލުވާން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް ދިއްދޫގެ އިތުރަށް އެހެން ރަށްރަށުގެވެސް އާމްދަނީ އެ ރަށްތަކަށް ލިބެން ޖެހޭ ކަމަށާއި ދިއްދޫގެ ފިހާރަތަކުން ނަގާ ޖީއެސްޓީ އެ ރަށުގެ ކައުންސިލަށް ލިބެން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އަދި އެ އަތޮޅުގެ ރިސޯޓުތަކުން ނަގާ ގްރީން ޓެކްސް އަތޮޅު ކައުންސިލަށް ލިބެން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ މި ކަންތައްތަކަށް ބަދަލު ގެނައުމަށް ބޮޑުތިލަދުންމަތީގެ ތާއީދު ވަރަށް މުހިއްމު ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ހަތަރު ކެބިނެޓް މިނިސްޓަރުން ތިއްބަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.