އިލްޔާސް ލަބީބް

އިލްޔާސްގެ ވައުދު: އުތުރަށް ތިން އަހަރަށް ޓީޖީއެސްޓީ މައާފު

ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް އިންވެސްޓްކުރާނަމަ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ ފުރަތަމަ ތިން އަހަރު މާފުކޮށްދެއްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ހއ. ދިއްދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިލްޔާސް ވަނީ ބޮޑުތިލަދުންމަތީގައި ކުރާ ފަތުރުވެރިކަމުގެ އިންވެސްޓްމެންޓްތަކަށް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ފުރަތަމަ ތިން އަހަރަށް ޓީޖީއެސްޓީ މާފުކޮށްދިނުމުގެ އިތުރުން ތިން އަހަރު ފަހުން ދައްކަންޖެހޭނީ ޓީޖީއެސްޓީގެ 50 ޕަސަންޓް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ސަރުކާރެއްގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް ފައިސާ އާއި ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި ގެސްޓްހައުސްގެ އެނދުގެ އަދަދު ފަސްގުނަ އިތުރުކޮށްދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހއ. ހދ. އަދި ށ. އަތޮޅުގައި ހުރީ ފަސް ރިސޯޓެވެ. މީގެ އިތުރުން 49 ގެސްޓްހައުސް އަދި އެއް ހޮޓާ ހިންގަމުންދާއިރު މި ތިން އަތޮޅުގައި ހުރި ޓޫރިސްޓް އެނދުގެ އަދަދަކީ 515 އެވެ.