ޑރ. މުހައްމަދު މުއިއްޒު

ސިޔާސީ ބާރުވެރިކަން ލިބުމުން ޔާމީން މިނިވަންކުރާނަން: މުއިއްޒު

ސިޔާސީ ގޮތުން ބާރުވެރިކަން ލިބުމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވ. ފެލިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ޔާމީން މިނިވަންކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ.

"ދާދި އަވަހަށް ޔާމީން މިނިވަންކުރާނަން. ސިޔާސީ ގޮތުން ހައްޔަރުކޮށްފަ ހުރުމުން، ސިޔާސީ ބާރުވެރިކަން ލިބުނީމާ އިސާހިތަކު އެކަން [ޔާމީން މިނިވަންކުރުން] ކާމިޔާބުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރަކުން އިހުމާލުވުމުން ކަންކަން ހުންނާނީ ބޮއްސުންލާފަ ކަމަށާއި މި ސަރުކާރުން އިހުމާލުވާ ކަންކަން ދެން އަންނަ ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. މި ސަރުކާރުން އަބަދުވެސް ދައްކަނީ ކުރީގެ ސަރުކާރުގެ ވާހަކަ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެގޮތަށް ކިޔާ ޒިންމާއިން ރެކޭނެ ބައެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ފެލިދޫގެ ތަރައްގީއަށް ބިން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރަށުގެ ބިން އިތުރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ބިން އިތުރުކުރެވޭނެ އެންމެ ބޮޑަށް ބިން އިތުރުކޮށްދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

މުއިއްޒު ވިދާޅުވީ ބިން އިތުރުކުރެވުމުން ގެދޮރު ފޯރުކޯށްދެވޭނެ ކަމަށާއި އެއާއެކު ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި ކުނި މެނޭޖުކުރުމުގެ މައްސަލަ ހައްލުކުރުމަކީ ޕޯޑިއަމްގައި ވައުދުވާންޖެހޭ ކަންކަން ނޫން ކަމަށާއި އެއީ އަސާސީ ކަންކަން ކަމަށެވެ.