ދުނިޔެ

ޕާކިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު ޝާޚް މަހްމޫދު ގުރައިޝީ ހައްޔަރުކޮށްފި

ޕާކިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އިދިކޮޅު ޕާޓީގެ ލީޑަރު ޝާޚް މަހްމޫދު ގުރައިޝީ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.

ޕާކިސްތާންގެ އިދިކޮޅު އަދި އެންމެ ނުފޫޒުގަދަ، ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީގެ ޗެއާމަން އިމްރާން ޚާން މިހާރު ހުންނެވީ ތިން އަހަރުގެ ހުކުމެއްގައި ޖަލުގަ އެވެ.

ތަހުރީކޭ އިންސާފްގެ ތަރުޖަމާން ޒުލްފީ ބުޚާރީ ވިދާޅުވި ގޮތުގައި ގުރައިޝީ ހައްޔަރުކުރީ ކޮން ސަބަބަކާ ހެދިކަމެއް ފުލުހުން އަންގާފައެއް ނުވެ އެވެ. ނަމަވެސް، އޭނާ ހައްޔަރުކުރީ ނޫސް ކޮންފަރެންސެއް ހަމަ ނިންމާލި ތަނުން ކަމަށް ވިދާޅުވި އެވެ.

ޕާކިސްތާން މިހާރު އޮތީ އާ އިންތިޚާބަކަށް ތައްޔާރުވުމުގެ މަގުމަތީގަ އެވެ. އިންތިޚާބަށް މަގުފަހިކުރުމަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވެސް ވަނީ ސަރުކާރު އުވާލައްވައި އިސްތިއުފާ ދެއްވާފަ އެވެ.

ޕާކިސްތާން މިހާރު ހިންގަނީ ވަގުތީ ބޮޑުވަޒީރެއްގެ އިރުޝާދުގެ ދަށުންނެވެ.

ޝަހްބާޒް ޝަރީފް އިސްތިޣުފާ ދެއްވުމާ ގުޅިގެން ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޕާކިސްތާންގައި އާންމު އިންތިހާބެއް ބާއްވަން ޖެހެ އެވެ. ނަމަވެސް މި އަހަރު އޮތް ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން -- އާބާދީ އިތުރުވެވައި ވާތީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވިދާނެ ކަމަށް ނުފެންނަ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިންވެސްް އޮތީ ބުނެފަ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުން 90 ދުވަހަށް އަށް ވުރެ އިންތިހާބު ލަސްކުރުމަކީ ގާނޫނީ ކުށެކެވެ. އަދި އިންތިހާބު ލަސްކުރަން ގޮވާލަނީ ވަކި ބަޔަކު އޭގެ ފައިދާ ނެގުމަށް ކަމަށް އިދިކޮޅުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގުރައިޝީ ހައްޔަރުކުރީ ވެސް މިޒާތުގެ ވާހަކަތަކެއް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވުމުންނެވެ.

ގުރައިޝީއާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން އިންތިހާބު ލަސްކުރަން ވަގުތީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ގޮންޖެހުމަކަށް ހައްދަވާނެ އެވެ.

ސަރުކާރު ގޮވައިގެން ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ގުރައިޝީ ވިދާޅުވި ކަމަށްވެސް ރޮއިޓާސް ބުނެ އެވެ.

ތަހުރީކޭ އިންސާފު ޕާޓީން މިހާރު ބަލަމުންދަނީ ކުރިއަށް އޮތް އިންތިހާބުގައި އިމްރާން ހާންއަށް ވާދަކުރެވޭނެ ގޮތެއް އޮތްތޯ އެވެ.

ޝަރުއީ ހަމަތަކުގެ މަތިން ޖޫރިމަނާއެއް ދައްކައިގެން ނަމަވެސް އިމްރާން ޖަލުން މިނިވަންކުރުމަކީ ތަހުރީކޭ ޕާޓީގެ ވިސްނުމެކެެވެ.

އިމްރާންގެ މައްޗަށް ޝަރީއަތްކޮށްފައި ވަނީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު ބޭރު ގައުމުތަކުން ލިބިވަޑައިގެންނެވި ބައެއް ހަދިޔާ ބޭނުންކުރެއްވި މައްސަލައިގަ އެވެ. މިގޮތަށް ބޭރު ގައުމުތަކުން ވެރިންނަށް ހަދިޔާކުރާ ހުރިހާ އެއްޗެއް ބަހައްޓަން ޖެހެނީ ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ.