މުހައްމަދު ނާޒިމް

ނާޒިމުގެ މެނިފެސްޓޯ: މާލެއަށް އިންގިލާބެއް ގެންނާނެ ބިޔަ 16 މަޝްރޫއެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި މާލޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުމަށް 16 ބިޔަ މަޝްރޫއެއް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ނާޒިމު ރޭ ވަނީ އެނާގެ މެނިފެސްޓޯގައި ހިމެނޭ "ގްރޭޓާ މާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ ސިޔާސަތު އިއުލާންކޮށްފަ އެވެ.

މިސިޔާސަތުގައި މޮނޮރެއިލް ނުވަތަ އެކްސްޕްރެސް ރޭލްވޭ އަކުން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ގުލާލުމަށް ހިމަނާފައިވެ އެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި މާލެއިން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ގުޅާލުމާއި މާލެއާއި ވިލިމާލެ ގުލާލުން އަދި މާލެ އާއި ހުޅުލެ އެއާޕޯޓް ގުޅާލުން ހިމެނެ އެވެ.

ނާޒިމްގެ މެނިފެސްޓޯގައިވާ ގޮތުގައި މޮނޮރެއިލްގެ ނިޒާމު ގާއިމުކުރުމަކީ ރައްޔިތުންނަށް ވަރަށް ފައިދާ ވާނެ ކަމެކެވެ. އެގޮތުން ސިނަމާލެ ބްރިޖަށް ދިމާވާ ޓްރެފިކުގެ މައްސަލަތަކަށް ހައްލެއް ލިބި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުގެ އަގު ހެޔޮވެގެން ދިޔުމުގެ އިތުރަށް އެ ދަތުރުތައް ކުރުމަށް ޓެކްސީ ނުލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ބުނެ އެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ކޮންވެންޝަން ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ދަރުބާރުގެ މިހާރު ހުރި ކޮށީގައި ކުރުމަށް ހަމަޖެހިފައިވާ ކަންތަކުގެ ތެރޭގައި 25 ބުރީގެ ދެ އިމާރާތެއް އަޅައި އެތަން ތަރައްގީ ކުރުމަށް ކޮންވެންޝަން ފްލޯތައް ހެދުމުގެ އިތުރަށް ޝޮޕިން މޯލްތަކާއި ސިޓީ ހޮޓެލްތައް ގާއިމު ކުރުމަށް ހިމަނާފައިވެ އެވެ. އަދި ޕާކިން އަށް ހާއްސަ ބިލްޑިން ތަކާއި އޯވާލެޕް ބްރިޖެއް ހެދުމަށްވެސް ހުށަހަޅާފައިވެ އެވެ. މިތަނުގައި 100 ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ އެވެ. އަދި އަލަށް ވިޔަފާރި ފަށާ 20 ޒުވާން ވިޔަފާރަވެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރަށް އަލަށް ވިޔަފާރި ފަށާ 10 އަންހެނުންނަށްވެސް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ހުޅުމާލޭގައި ހަދަން ފަށާ، އެތަނުގެ މަސައްކަތް މިހާރު ހުއްޓިފައިވާ ވޯޓާ ޕާކު ސަރަހައްދުގައި ތީމްޕާކު ޕްރޮޖެކްޓްގެ ނަމުގައި، އިންޓަނޭޝަނަލް ތީމް ޕާކެއް ހެދުމަށްވެސް ނިންމާފައިވެ އެވެ. އަދި ޝޮޕިން ސެންޓަރުތައް އެތަނުގައި ހެދުމުގެ އިތުރަށް ޕާކިން އަށް ހާއްސަ ބިލްޑިންތަކެއް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ފުޑް ކޯޓުތަކާއި ޓޫރިސްޓު ރޫމްތައްވެސް ހަދާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެއްގަމުގައި ތިބެ ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެކުއޭރިއަމްއެއް ހަދާނެ ކަމަށް ނާޒިމްގެ މެނިފެސްޓޯގައި ބުނެފައިވެ އެވެ. އެންޓަޓެއިންމަންޓު ފުލޯތައް އެކުލެވޭ ގޮތައް ހަދާ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދު ގައެވެ.

ޕެޓް ހަބް ޕްރޮޖެކްޓުގެ ދަށުން ގެތެރޭގައި އޮޅުކޮށްގެން ގެންގުޅޭ ޕެޓްތަކަށް ފަރުވާދޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ޕެޓް ކެއާ ސާވިސް ލިބޭނެ ގޮތް ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން ތަފާތު ވައްތަރުގެ ޕެޓް އެއްތަނަކުން ލިބެން ހުރުމާއި މަގުމަތީގައި ގިނަވެފައި ހުންނަ ބުޅާތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސޭނެ އެވެ. އަދި ޕެޓް ގެންގުޅެން ލޯބިކުރާ ފަރާތްތަކަށް އެ ގެންގުޅެންވީ ރަނގަޅު ގޮތުގެ ތަމްރީން ދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.

މާލޭގެ މަގުތަކުގައި ހުރި މަގުބައްތިތައް ސޯލާ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށްވެސް ހިމަނާފައިވެ އެވެ. އަދި ސްމާޓް ސިޓީ އަކަށް ބޭނުންވާނެ ވަސީލަތްތައް މަގުތަކުގައި ގާއިމުކުރުމުގެ އިތުރަށް ޑީވޯޓަރިން ކުރެވޭނެ ނިޒާމެއް ހަަމަޖެއްސުމަށްވެސް ހިމަނާފައިވެ އެވެ.

ބިދޭސީންނަށް ހާއްސަކޮށްގެން އެ މީހުން މުނިފޫހިފިލުވުމަށް ހާއްސަ ޕާކުތަކެއް ހެދުމާއި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް ޑިޓެންޝަން ސެންޓަރުތަކެއް ހެދުމަށްވެސް ހިމަނާފައިވެ އެވެ. އަދި އެ މީހުންނަށް އެކޮމޮޑޭޝަން ބްލޮކުތައް ހަދާނެ ކަމަށް ބުނެފައިވެ އެވެ.

ނާޒިމްގެ ޕްލޭނުގައި ސިއްހީ ދާއިރާއަށްވެސް ސަމާލުކަމެއް ދީފައިވެ އެވެ. އެގޮތުން ރާއްޖޭގައި މުޅިން އާ ހޮސްޕިޓަލެއް ހަދައި ބޮޑެތި ބަލިތަކަށް ހާއްސަ އިމާރާތެއް ހެދުން ހިމެނެ އެވެ. އަދި އެއާ އެމްބިއުލާންސް ސާވިސް ދިނުންވެސް މި ކަމުގެ ތެރޭގައި ހިމެނެ އެވެ.

ހެޕިނަސް ސިޓީ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވިއަން ސެންޓަރެއް ހަދައި އައިސް ސްކޭޓު ޕާކާއި ބޯލިންގް ހޯލް ހަދާނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އިންޑޯ ކުޅިވަރު އެކުވެންޏަކާއި، މިޔުޒިކު ހޯލް، ތިއޭޓަރު، އިންޑޯ ސާފިން ޕޫލްގެ އިތުރަށް ޖިމަކާއި، ޑޭކެއާ ސެންޓަރެއް ހެދުމަށްވެސް ހިމަނާފައިވެ އެވެ.

ނާޒިމުގެ މެނިފެސްޓޯގައި ހަޔާ އެޑިޔުކޭޝަން ޓޫރިޒަމް ތައާރަފް ކުރުންވެސް ހިމަނާފައިވެ އެވެ. މީގެ ދަށުން ބޭރުގެ ބައެއް ޔުނިވާސިޓީތައް ރާއްޖެއަށް ގެނައުމާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ދަރިވަރުންނަށް ރާއްޖެއިން ސްޓޫޑަންޓް ވިސާ ހަމަޖެއްސުން ހިމެނެ އެވެ. އަދި ޒަމާނީ ފެންވަރަށް ދަނާލުތައް އިމާރާތް ކުރުން ހިމެނެ އެވެ.

ބޯހިޔާވަހިކަމުގެ މެގަ ޕްރޮޖެކްޓުގެ ދަށުން އެކި ސަރުކާރުތަކުން ހަދަން ފަށާފައި ނުނިމި ހުރި ފުލެޓުތައް ނިންމުމާއި އަމިއްލަ ފަރާތްތަކުން ހަދަން ފަށައި ނުނިމި ހުރި ފްލެޓުތަކަށް ހައްލެއް ހޯދައިދިނުންވެސް ހިމެނެ އެވެ. އަދި މާލޭގެ ރައްޔިތުންނާއި ދަފުތަރުގައި ތިބި މާލޭގެ ރައްޔިތުންނަށް ގޯތި ނުވަތަ ފުލެޓު ދިނުމަށްވެސް ޕްލޭން ކޮށްފައިވެ އެވެ.

ނާޒިމުގެ ޕްލޭނުގައި ޓެކްނޮލޮޖީ ޕާކް ޕްރޮޖެކްޓެއްވެސް އެބައޮތެވެ. މީގެތެރޭގައި ސައިންސް ސެންޓަރެއް ހެދުމާއި އިންޓަނޭޝަނަލް ކޯލް ސެންޓަރެއް ހެދުމަށް ރާވާފައިވެ އެވެ. މީގެ އިތުރުން އައިޓީ ކިޔަވައިދޭ ކުލާސްރޫމްތައް ހެދުމާއި އައިޓީ ފެއާ ބޭއްވޭނެ ހޯލްތައް ހެދުމަށް ވެސް ރޭވިފައިވެ އެވެ.

މިހާރުގެ އަތޮޅު ފިހާރަތަކުގައި ޝޮޕިން ސެންޓަރު ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށްވެސް ހިމަނާފައިވެ އެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ޕާކިން ފްލޯތަކާއި ހައިޕާ މާކެޓް ފުލޯތައް ހެދުމާއި ސިނަމާ އަދި އެލެވޭޓަރުތަކާއި އެސްކެލޭޓަރުތައް ހެދުންވެސް ހިމެނެ އެވެ.