ޕީއެސްއެމް

ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ހުއްޓާލަން ކޯޓުން އަމުރުކޮށްފި

ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން މާލީ މުއާމަލާތްތައް ކުރުން ސިވިލް ކޯޓުން ވަގުތީގޮތުން ހުއްޓުވައިފި އެވެ.

ސިވިލް ކޯޓުން ދައުލަތުގެ މީޑިއާއާ ދެކޮޅަށް މިފަދަ އަމުރެއް ނެރުނީ އާޓިސަން ޕްރައިވެޓް ލިމިޑެޓުން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތެއްގެ އަގު އަދާކޮށްފައި ނުވާތީ އާޓިސަން އިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އާޓިސަން ޕްރައިވެޓް ލިމިޑެޓުން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތެއްގެ އަގަކީ 4.5 މިލިއަން ރުފިޔާ އެވެ. މި އަގު ދެއްކުމަށް ސިވިލް ކޯޓުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕީއެސްއެމްއަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ޕީއެސްއެމް އިން މިހާތަނަށް އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

ޕީއެސްއެމް އިން މާލީ މުއާމަލާތް ކުރުން ހުއްޓުވީ އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒުކުރުމުގެ އަމުރަކަށް އާޓިސަން އިން ކޯޓުގައި އެދުމުންނެވެ.

ޕީއެސްއެމް އިން ވަނީ އާޓިސަން އިން ބުނާ ފައިސާ އަކީ ދައްކަންޖެހޭ ފައިސާ ކަމަށް ކޯޓުގައި އިއުތިރާފް ވެފަ އެވެ.

ޕީއެސްއެމްގެ މާލީ ތަފްސީލުތައް ހިއްސާ ކުރުމަށް މި މައްސަލައިގެ ޝަރީއަތުން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ. ޕީއެސްއެމް ހިންގުމަށް ކޮންމެ މަހަކު އަށް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ތަފްސީލް ގައިވެ އެވެ. އެހެންނަމަވެސް ކޯޓުގެ އަމުރުގައިވާ ގޮތުގައި، ކޯޓުން ބެލި ބެލުމުގައި ޕީއެސްއެމްގެ ބޭންކު އެކައުންޓް ތަކުގައި އަށް މިލިއަން ރުފިޔާ އާއި ގާތްކުރާ މިންވަރަކަށްވެސް ފައިސާ އެއް ނެތެވެ.

ކޯޓުން މިހާރު ވަނީ ޕީއެސްއެމްއަށް ފައިސާ ލިބޭ ގޮތާއި އެ ފައިސާ ލިބެނީ ކޮން ފަރާތަކުން، ކޮން ވަސީލަތެއް މެދުވެރިކޮށްގެން ކަން އެނގޭނެ ގޮތުގެ ތަފްސީލީ މައުލޫމާތު ހުށަހެޅުމަށްވެސް އެ ކުންފުންޏަށް އަންގާފަ އެވެ. އަދި ޕީއެސްއެމްގެ މިލްކިއްޔާތުގައިވާ އުފުލޭ މުދާ އަދި ނުއުފުލޭ މުދަލުގެ އިތުރަށް އެ ކުންފުނީގެ އަރަންޏާއި ދަރަންޏެއް ހުރި ނަމަ އެ ހުރިހާ މައުލޫމާތުތައް އެނގޭ ގޮތަށް ކޯޓަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފަ އެވެ.

އާޓިސަން ޕްރައިވެޓް ލިމިޑެޓުގެ ދަރަނި ދެއްކެންދެން ޕީއެސްއެމްގެ މިލްކިއްޔާތުގައިވާ އެއްވެސް އެއްޗެއް ޝަރީއަތުގެ ހުއްދައާއި ނުލައި ނުވިއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މީގެ އިތުރުން އެ މުދާ އެހެނިހެން އެއްވެސް ފަރާތަކަށް ބަދަލުވާނެ ކަހަލަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.