ހަބަރު

ޕީއެސްއެމްގެ ހަތަރު މިލިއަން ރުފިޔާ ހިފަހައްޓަން އަމުރުކޮށްފި

Dec 19, 2022
1

ދައުލަތުގެ މީޑިއާ -- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އާޓިސަން ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޕީއެސްއެމް އިން އެދިގެން އާޓިސަން އިން ވަނީ ޕީއެސްއެމްގެ ބިއުރޯ ހެދުމުގެ މަސައްކަތް ކޮށްފަ އެވެ. މަސައްކަތްތައް ކޮށްދިނުމަށް ހުށަހެޅި ކޯޓޭޝަންތަކާއި އެއްގޮތަށް ފައިސާ ދެއްކުމަށް އާޓިސަން އިން ޕީއެސްއެމްއަށް ފޮނުވި ތިން އިންވޮއިސްއަކަށް ޕީއެސްއެމް އިން 4.5 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.

އިންވޮއިސްތަކަށް ޕީއެސްއެމް އިން ދައްކަން ޖެހޭ ފައިސާއާ އެކު ގާނޫނީ ފިޔަވަޅު އަޅަންޖެހި ކުރަން ޖެހޭ ހަރަދާއި އާޓިސަންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 11.4 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް އާޓިސަން އިން ސިވިލް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރު އެވެ.

ސިވިލް ކޯޓުގެ ޝަރީއަތުގައި ޕީއެސްއެމްގެ ވަކީލު ވަނީ އިންވޮއިސްގައި ހިމެނޭ މަސައްކަތްތަކަކީ އާޓިސަންގެ ފަރާތުން ކޮށް ނިންމާފައިވާ މަސައްކަތްތަކެއް ކަމަށް އިއުތިރާފު ވެފަ އެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރިން ވަނީ އިންވޮއިސްގައި ހިމެނޭ ޕްރިންސިޕަލް އަދަދު ކަމުގައިވާ 4.5 މިލިއަން ރުފިޔާ އާއި ވަކީލު ފީގެ ގޮތުގައި 16،695 ރުފިޔާ އަކީ ޕީއެސްއެމް އިން އާޓިސަން އަށް ދޭންޖެހޭ ފައިސާއެއް ކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.

އެ ފައިސާ އެޕްރީލް 29، 2021 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭވަރު އެ މަހަކު ސިވިލް ކޯޓަށް ދައްކަމުން ގޮސް ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ޕީއެސްއެމް އަށް ވަނީ އަންގާފަ އެވެ. ނަމަވެސް އާޓިސަންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުވާގައި ހޯދުމަށް އެދުނު ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.

ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅީ ވެސް ޕީއެސްއެމް އިންނެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ޕީއެސްއެމްގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި ހައިކޯޓުގެ ގަވާއިދަށް ރިއާޔަތްކޮށް އެ ގަޟިއްޔާގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެނޫން ގޮތަކަށް އެ ކޯޓުން އަންގަންދެން ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ޕީއެސްއެމްގެ ފަރާތުން އާޓިސަން އަށް ދައްކަންޖެހޭ ފައިސާ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ސިވިލް ކޯޓަށް ދައްކަމުން ގެންދިއުމަށެވެ. އަދި އެ ފައިސާއާ މެދު ވަކި ގޮތަކަށް އަމަލުކުރަން އަންގަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށްވެސް ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން މަޒީދު އެވެ.