ޕީއެސްއެމް

ޕީއެސްއެމް އިން ތިން މިލިއަން ރުފިޔާ ދިނުމުގެ މައްސަލަ ސްޕްރީމް ކޯޓަށް

އަމިއްލަ ކުންފުންޏަކުން ކޮށްދީފައިވާ މަސައްކަތުގެ ބަދަލަށް 3.3 މިލިއަން ރުފިޔާ ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

މި މައްސަލައަކީ އޮކްޓޫބަރު 3، 2019 ގައި ޖޭއެމްޖޭ އިންވެސްޓްމެންޓްގެ ވެރިޔާ، ޔާސިރާ ޔޫސުފް ޕީއެސްއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ޕީއެސްއެމްއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކޮށްފައިހުރި މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ އެ ފައިސާ ހޯދުމަށެވެ.

މި މައްސަލައިގައި ޔާސިރާގެ ފަރާތުން އެދިފައިވަނީ ޖޫން 20، 2018 އިން ސެޕްޓެމްބަރު 30، 2018ގެ ނިޔަލަށް ޕީއެސްއެމް އިން ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ކޮށްނިންމާފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ 3.3 މިލިއަން ރުފިޔާ ހޯދައިދިނުމަށެވެ.

ސިވިލް ކޯޓުން އޮކްޓޫބަރު 31، 2021 ގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ މަސައްކަތްކޮށްދީފައި ނުވާ ކަމަށް ޕީއެސްއެމްއިން ހިލާފުވެފައި ނުވާ ކަމަށެވެ. އަދި ޔާސިރާގެ ފަރާތުން ހުށަހެޅި ދެ ޝަފަވީ ހެކިންގެ ހެކިބަހުން ވެސް އެ މަސައްކަތް ކޮށްދިނީ ޖޭއެމްޖޭ އިން ކަން އެނގޭ ކަމަށެވެ.

ހެކިވެރިންގެ ހެކިބަހަށްފަހު އެއީ ޖޭއެމްޖޭ އިން ކޮށްދީފައިވާ މަސައްކަތްތަކެއްކަން ގަބޫލުކުރާ ކަމަށް ޕީއެސްއެމް އިން ބުނެފައިވާ ކަމަށްވެސް ހުކުމްގައިވެ އެވެ. އަދި ކުންފުނީގެ ފަރާތުން ހޯދަން ހުށަހަޅާފައިވާ އަގަކީ މަސައްކަތަށް އެކަށީގެންވާ އަގެއް ނޫން ކަމަށް ޕިއެސްއެމް އިން ބުނި ނަމަވެސް އެ ނޫން އަގަކަށް އެއްބަސްވެފައިވާ ކަމަށް ބުނެފައި ނުވާ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެ ފައިސާ އަކީ ޕީއެސްއެމް އިން ޖޭއެމްޖޭ އަށް ދޭން ޖެހޭ ފައިސާ ކަމަށް ކަނޑައަޅައި 3.3 މިލިއަން ރުފިޔާ ހަތަރު މަސް ތެރޭގައި ދައްކާ ހަލާސް ކުރުމަށް ހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ.

ޖޭއެމްޖޭ އިން ކުރި ކަމަށް ބުނާ މަސައްކަތްތަކަކީ ކޮންމެވެސް ފަރާތަކުން ކޮށްދީފައިވާ މަސައްކަތްތަކެއް ނަމަވެސް އެއީ ސީދާ ޖޭއެމްޖޭ އިން ކޮށްދީފައިވާ މަސައްކަތްތަކެއް ކަން އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ކަމަށް ޕީއެސްއެމް އިން ކޯޓުގައި ބުނެފައިވެ އެވެ. އަދި ބަދަލު ހޯދަން އެދިފައިވާ އަގަކީ އެ މަސައްކަތްތަކަށް އެކަށޭނަ އަގެއް ނޫން ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެއީ އެ ކުންފުނިން ކޮށްދީފައިވާ މަސައްކަތްތަކެއް ކަން ޝަރީއަތަށް ސާބިތުކޮށްދީފިނަމަ އަދި އެ މަސައްކަތަށް އެކަށީގެންވާ އަގެއް ކަނޑައަޅައެޅިއްޖެނަމަ، އެ ފައިސާ އެ ކުންފުންޏަށް ދޭނެ ކަމަށް ޕީއެސްއެމްގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލަ ޕީއެސްއެމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ.