ޕީއެސްއެމް

ދައުލަތުން 78 މިލިއަން ރުފިޔާ ހޯދަން ބިގުން ސުޕްރީމް ކޯޓަށް

ދައުލަތުގެ މީޑިއާ -- ޕީއެސްއެމުން 78 މިލިއަން ރުފިޔާ ހޯދަން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ބިގް ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިދިޔަ މާޗް މަހު ކުރި ހުކުމްގެ އިސްތިއުނާފުގެ ގޮތުގައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބިގުން އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ ހަފްތާ ގައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލައި ގައެވެ.

އެ ހުކުމްކުރީ އެންމެ ފުރަތަމަ ކުރީ އެމްއެންބީސީގެ ޣައިރު ހާޒިރު ގައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދައުލަތުގެ މީޑިއާ މިހާރު ހިންގަމުންދާ ޕީއެސްއެމް އިން ބިގަށް ދޫކުރި އެވެ. އަދި ޕީއެސްއެމް އިން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން 2021 ވަނަ އަހަރު އެވެ.

ޕީއެސްއެމް އިން ކުރި އިސްތިއުނާފްއާ ގުޅިގެން ހައި ކޯޓުން މިދިޔަ މާޗު މަހު ކުރި ހުކުމުގައި ވަނީ އެ މައްސަލަ ސިވިލް ކޯޓުން ނިންމީ އެމްއެންބީސީގެ މައްޗަށް ކަމަށް ވިޔަސް، އެމްއެންބީސީގެ މުދަލާއި ދަރަނިތައް ޕީއެސްއެމް އަށް މިހާރު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، އެ މައްސަލާގައި ޕީއެސްއެމްގެ މަސްލަހަތު ހިމެނޭތީ އެ ކުންފުނި ހިމަނައިގެން މައްސަލަ އަލުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ނަމަވެސް ފައިސާ ދައްކަން ޖެހޭ އަދަދާއި އެއްބަސްވުމާ ގުޅޭ އެހެން ކަންކަމާ މެދު މިވަގުތު ހައި ކޯޓުން ގޮތެއް ނުނިންމޭނެ ކަމަށް ބުނެ، ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އެންގީ އެވެ.