ޕީއެސްއެމް

ފައިސާ ނުދައްކާތީ ޕީއެސްއެމްގެ މައްޗަށް އިތުރު ހުކުމެއް

ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން އަމިއްލަ ކުންފުންޏަކަށް ނުދައްކާ އޮތް 700،000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޕީއެސްއެމްގެ މައްޗަށް މިހުކުމް އައީ ބްރިލިއަންޓް ކޮމްޕެނީ ކިޔާ އަމިއްލަ ކުންފުންޏަކުން ޕީއެސްއެމްއަށް ސަޕްލައިކޮށްދިން މުދާތަކަކަށް ފައިސާ ނުދައްކާ އޮތުމުންނެވެ.

ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ޕީއެސްއެމްއަށް ސަޕްލައިކޮށްދިން ތަކެއްޗަށްވާ ފައިސާގެ ތެރެއިން 752،816 ރުފިޔާ ނުދައްކަ އެވެ. މި ފައިސާ ހޯދުމަށް ބްރިލިއަންޓް ކޮމްޕެނީން ސިވިލް ކޯޓުގައި ކުރި ދައުވާއަށް ޕީއެސްއެމްއިން ޖަވާބުދާރީ ވެފައެއްވެސް ނުވެ އެވެ.

ޕީއެސްއެމް އިން ދައުވާއަށް ޖަވާބުދާރީވެފައި ނުވާތީ ބްރިލިއަންޓް ކޮމްޕެނީން ވަނީ ޕީއެސްއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް އެދިފަ އެވެ. އެހެންވެ މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕީއެސްއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފަ އެވެ.

ހުކުމްގައި ވަނީ ޕީއެސްއެމް އިން ބްރިލިއަންޓް ކޮމްޕެނީއަށް އަދާކުރަންޖެހޭ ފައިސާގެ ތެރެއިން 752،816 ރުފިޔާ ނުދައްކާ އޮތް ކަމަށާއި އެއްމަސް ދުވަސް ތެރޭގައި މި ފައިސާ ބްރިލިއަންޓް ކޮމްޕެނީއަށް ދެއްކުމަށެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އާޓިސަން ޕްރައިވެޓް ލިމިޑެޓުން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތުގެ އަގު ކަމަށްވާ 4.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުގެ ސަބަބުން ޕީއެސްއެމް އިން މާލީ މުއާމަލާތް ކުރުން ހުއްޓުވުމަށްވެސް އަމުރުކޮށްފަ އެވެ.