ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ މެނިފެސްޓޯ: މާލޭ ސަރަހައްދަށް 65،000 ފްލެޓް

ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި މާލޭގެ ތަރައްގީއަށް އިންގިލާބީ ބަދަލެއް ގެނައުމަށް 19 ބިޔަ މަޝްރޫއެއް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ޕީޕީއެމްގެ ކެންޑިޑެޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވަނީ "ދިވެހިންގެ ރާއްޖެ" ޝިއާރުގެ ދަށުން އޭނާގެ މެނިފެސްޓޯ ލޯންޗުކޮށްފަ އެވެ.

މެނިފެސްޓޯގެ ފުރަތަމަ 3 ޗެޕްޓަރުގައި ވަނީ ޒުވާނުން، ކަނބަލުން އަދި މަސްވެރިކަމުގެ ސިޔާސަތެވެ. އަދި ސިޔާސަތުގެ މައިގަނޑު އަށް ބަޔަކީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނައުމެވެ.

މާލެއާއި މާލެ ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭން 20 އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ގައުމީ ތަރައްގީގެ ތެރެއިން އެންމެ އިސްކަން ދީގެން ގުޅީފަޅު، ގިރާވަރުފަޅު، ފުށިދިއްގަރުފަޅު އަދި މާލެއާއި ހުޅުމާލެ އިން ޖުމްލަ 65،000 ފެލެޓާއި ހައުސިން ޔުނިޓް ދޫކުރަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

މުއިއްޒުގެ މެނިފެސްޓޯގައި ހުޅުމާލެ ފޭސް ދޭކުން ފްލެޓް ލިސްޓުގައި ކުރިން ނަން ހިމެނި ނަމަވެސް ފަހުން ފްލެޓް ނުލިބޭ މީހުންނަށް ހާއްސަ އިސްކަމެއް ދީގެން ފްލެޓް ދިނުމަށް ހިމަނާފައިވެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ޖުމްލަ ހައެއް ނުވަތަ އަށް ރަށެއްގައި އިންވެސްޓާ ފައިނޭންސް އަދި ހައުސިންގެ ޔުނިޓް ތަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެން އިންޓަގްރޭޓެގް ޑިވެލޮޕްމަންޓް މަޝްރޫއެއްވެސް ހިންގަން ހުށަހަޅާފައިވެ އެވެ. ވިލިމާލޭގައި ކަރަންޓާއި ފެނުގެ ނިޒާމު އަލުން ގާއިމުކޮށް ވިލިމާލޭގައި ދިހަ ބުރީގެ އިމާރާތް އެޅޭނެ ގޮތް ހެދުމަށް ހުއްދަ ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިމެނިފެސްޓޯގައި ވަނީ މާލޭގައި މިހާރު ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލައި އެތަނުގައި އަލުން އުސް ޓަވަރުތަކެއް އެޅުމަށް ނިންމާފަ އެވެ. އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީކުރެވި ހުޅުމާލެ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށްވެސް ހިމަނާފައިވެ އެވެ.

މި މެނިފެސްޓޯގައި ވަނީ ގެދޮރު އެޅުމަށް އަމިއްލަ ކުންފުނިތަކުން ފައިސާ ނެގުމުގެ ބަދަލުގައި ސަރުކާރުން ހާއްސަ ފަންޑެއް ތައާރަފްކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ބޭނުންވާ ޑިޒައިނަކަށް ގޯތި ތަރައްގީކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ހިމަނާފައިވެ އެވެ. އަދި ގެދޮރު އެޅުމަށް އަތްފޯރާ ފަށުގެ ލޯން، ހޯމް ރެނޮވޭޝަން ލޯން އަދި ހޯމް ކޮމްޕްލީޝަން ލޯން ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ބުނެފައިވެ އެވެ. އިސްލާމިކް އުސޫލުން ފައިސާ ބޭނުންވާނަމަ އެގޮތްވެސް ހަމަޖެހިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

މިސަރުކާރުން ގުޅީފަޅުގައި އަޅަން ނިންމާފައިވާ ޕޯޓް، ތިލަފުއްޓަށް ތިލަފުށްޓަށް ބަދަލުކުރުމަށްވެސް ހުށަހަޅާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް މިބަނދަރު އަޅަން ހަމަޖައްސާފައި އޮތީ ތިލަފުށީ ގައެވެ.

މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ހުރިހާ ރަށަކަށްވެސް އަސާސީ ކަންތައްތައް ހަމަޖެއްސުން އަދި ބޮޑެތި ރައްތަކުގައި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްވެސް ހިމަނާފަ އެވެ.

މީގެ އިތުރުން މުއިއްޒުގެ މެނިފެސްޓޯގައި ވަނީ ފަތުރުވެރިކަމުގެ އިދާރީ މައި ހަބުގެ ގޮތުގައި އާއި ބައިނަލްއަގްވާމީ ދޮރާށްޓެއްގެ ގޮތުގައި އައްޑު ސިޓީ ހަމަޖައްސާފަ އެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް އެއާޕޯޓްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ފަތުރުވެރިންގެ އަތުން އިތުރު ފައިސާ ހޯދޭނެ ހަރުދަނާ ގޮތްތަކެއް ހަމަޖެއްސުމަށްވެސް ހިމަނާފައިވެ އެވެ.