ޑރ. މުހައްމަދު މުއިއްޒު

ގެދޮރުވެރިކަން ހައްލުވުމުން ގައުމުގެ މައްސަލަތައް ހައްލުވާނެ: މުއިއްޒު

ރާއްޖޭގައި ހުރި މައްސަލަތަކުގެ ހައްލަކީ ބޯހިޔާވަހިކަން އެންމެންނަށް ހޯދައިދިނުން ކަމަށްވާތީ އެކަން ކުރުމަށްޓަކައި ގައުމީ ވިސްނުމެއް އެންމެން ވޯޓު ދެއްވުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ވަކި ފަންތިއަކަށް ބެލުމެއް ނެތި އެންމެންނަށް ގެދޮރު ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

"ގެދޮރުވެރިކަން ބޭނުންޖެހިފައިވާ އެ ނީޑް އޮތް ހުރިހާ ފަރާތްތަކަށް ތަރުތީބު ކުރެވިގެން އަޅުގަނޑުމެން އެކަން ހާސިލް ކޮށްދޭނަން،" އޭނާ ވިދާޅުވި އެެވެ.

މުއިއްޒު ވިދާޅުވީ އާއިލީ މައްސަަލަތައް، މުޖުތަމައުގައި ހުރި މައްސަލަތައް ނަފްސާނީ މައްސަލަތައް އަދި ޖިސްމާނި ދުޅަހެޔޮކަން ހައްލުވާނީ ގެދޮރުވެރިކަމަަށް ހައްލު ގެނެވިގެން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ގެދޮރުވެރިކަމުގެ ސިޔާސަތު އެކުލަވާލާފައިވަނީ އެތައް ފަންނީ ދިރާސާއެއް ކުރެވި އެކަމުގައި ތަޖުރިބާތަކެއް ވެސް ކުރެއްވުމަށްފަހު ކަމަށެވެ. ސިޔާސަތުތައް ތަންފީޒު ކުރެވޭނީ ރައްޔިތުން އެއްބާރުލުން ދީގެން ކަމަށްވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކަންކަން ހޯދައިދިނުމުގައި ސިޔަސީ ވިސްނުން އެއްކިބާކޮށް ދިވެހިންގެ ރާއްޖެ ހޯދުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އަމާޒުކުރައްވާ މުއިއްޒު ވިދާޅުވީ ނުހިއްކާ އޮތް ފަޅުފަޅުން ފުލެޓް ދޭން މި ސަރުކާރުން ނިންމި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެ ފްލެޓްތައް ވުޖޫދަށް ގެެނެވި ރައްޔިތުންނާއި ހަވާލުކުރެވިގެންދާނެ ކަމަށެވެ. އަދި އެމީހުންނަށް ގެދޮރު އެޅޭނެ ގޮތް ސަރުކާރުން ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސޯޝަލް ހައުސިން ޔުނިޓް ތަކުގައި އެކަނިވެރި މައިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިސްކަން ދޭނެ ކަމަށާއި، ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އަދި މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވަކިން ފްލެޓް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހުޅުމާލެ މިވަގުތު ހިންގަމުން ގެންދަނީ ކުންފުންޏަކުން ކަމަށް ވިދާޅުވެ މާލޭގެ މޭޔަރުގެ މަގާމުގައިވެސް ހުންނެވި މުއިއްޒު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެެއްގައި ގާނޫނީ ހަމަތަކުގެ މަތިން ހުޅުމާލެ، މާލެ ސިޓީ ކައުންސިލުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ހުއްދައާއި ނުލާ ހުޅުމާލޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ގޮތް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ މާލެ، އާބަންކޯގެ މިލްކެއް ނޫން" މުއިއްޒު ވިދާޅުވި އެވެ.