ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރާ މައިގަނޑު ކަމަކީ ސަރުކާރު ކުންފުނިތަކުގައި ވަޒީފާތަކެއް އުފެއްދުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ށ. ފީވަކުގައި ކުރިއަށް ގެންދިޔަ ގާސިމްގެ ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހް ވެރިކަން ހޯދުމަށްޓަކައި އުފައްދަނީ އެއެއް މިއެއް ނުބައްލަވާ ހުސްވެސް ވަޒީފާ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް އިތުރު ދައުރަކަށް ވަޑައިގަންފިނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ވަޒީފާތައް ބަހަމުން ގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ވަޒީފާ ދޭތީ ހިތްހަމަ ނުޖެހެނީ ނޫން ކަމަށާއި އެކަމަކު ކޮންމެ ކަމެއްގައިވެސް ވަކި ހައްދެއް އޮންނަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި ވޯޓު ހޯދުމަށް އަޅަނީ ހުސް ވަޒީފާ، ދޯނި ފަހަރެއްގައި މަސް ބާނަން ދާނެ މީހަކު ވެސް ނުވޭ މިހެންވެ" ގާސިމް ވިދާޅުވި އެވެ.
އެމަނިިކުފާނު ވިދާޅުވީ ރައީސް ސޯލިހް ހުރީ ކޮންމެވެސް ގޮތަކުން ތާށިވެ ފިތިބާރު ވެފައި ކަމަށެވެ. މިއަދު އެހެން އެވީ ކޯލިޝަން ބައިވެރިއެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީން ދީފައިވާ ލަފާތަކަށް އަމަލުނުކުރެއްވުމުން ކަމަށްވެސް ވިދާޅުވި އެވެ. މިއަދު ގައުމުން ފެންނަ މަންޒަރަކީ ލިބުނު ހުރިހާ ކުރިއެރުންތައްވެސް ވަޅުޖެހިގެންދާ މަންޒަރު ކަމަށާއި، ގައުމުގެ މިނިވަންކަން ގެއްލެމުންދާ ކަމުުގެ ރަނގަބީލު ވެސް ގަދައަށް ޖަހަމުންދާ ކަމުގައި ވިދާޅުވި އެެވެ.
ގާސިމް ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކާއި ވާހަކަދައްކައިގެން މެނުވީ ގައުމަށް ބޮޑެތި ބަދަލުތަކެއް ނުގެނެވޭނެ ކަމަށާއި، ދަރަނީގެ މިންވަރު ތިން ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށެވެ. ގައުމަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް ހަރަދުކޮށްފިނަމަ އަނެއް ބައި މިއަދު ދަނީ ކޮރަޕްޝަނަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ސިޓީ އުރައެއްހާ ހިސާބު ވެސް ތިމާ މަސައްކަތް ކުރާ ތަނަކުން ނެގިގެން ނުވާނެ. އެއީ ރައްޔިތުންނަށްޓަކައި ހުންނަ އެއްޗެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފަށް އިންޑިއާ ސިފައިން ރާއްޖެއަށް އަރުވައި، އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް މިސަރުކާރުން ދީފައި ނުވާ ކަމަށެވެ. އެހެން ގައުމެއްގެ ސިފައިން ރާއްޖޭގެ ފަސްގަނޑަށް އެރުވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށާއި އެކަން ސަރުކާރުން ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.