ފިނިޕޭޖް

ބޮކްސް އޮފީހުގައި "ބާބީ" ދެވަނައަށް ވައްޓާލައިފި

ހަތަރު ހަފްތާ ވަންދެން ބޮކްސް އޮފީހުގައި ރަނިކަން ކުރުމަށްފަހު "ބާބީ" ދެވަނަ އަށް ވެއްޓިއްޖެ އެވެ.

"ބާބީ" ދެވަނަ އަށް ވައްޓާލީ ޑީސީއިން މިމަހުގެ 18 ވަނަ ދުވަހު ރިލީޒްކުރި އާ ސުޕަހީރޯ ފިލްމް "ބްލޫ ބީޓްލް" އެވެ.

އަންހެލް މެނުއަލް ސޯޓޯ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ހައިމީ/ބްލޫ ބީޓްލްގެ ރޯލް އަދާކޮށްފައިވަނީ "ކޯބްރާ ކައި"ގެ ޝޯލޯ މެރިދުއާންޔާ އެވެ.

މީގެ އިތުރުން މި ފިލްމުގައި އެޑްރިއާނާ ބަރަޒާ، ސޫޒަން ސެރެންޑަން، ޖޯޖް ލޮޕޭޒް، ޑޭމިއަން އަލްކަޒާރް، ރައޫލް މެކްސް ތްރުހިލޯ އާއި ބްރޫނާ މާކެޒިން ހިމެނެ އެވެ.

"ބްލޫ ބީޓްލް"ގެ އޯޕަނިން އަށް އެމެރިކާގައި އެކަނި 25.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އިންޓަނޭޝަނަލް 63 މާކެޓްގައި މި ފިލްމް އޮގަސްޓް 16 އަދި 17 ގައި ރިލީޒްކޮށްފައިވާއިރު، މި މާކެޓްތަކުން ލިބުނު 18 މިލިއަން ޑޮލަރާއެކު ޖުމްލަކޮށް 43.4 މިލިއަން ލިބިފައިވެ އެވެ.

މި އަދަދަކީ އަދި ހަފްތާ ބަންދު ނުހިމަނައި އަދަދަކަށްވީއިރު، މިއީ ޑީސީ ސިނަމެޓިކް ޔުނިވާސްގެ ފިލްމްތަކުގެ ތެރެއިން އެންމެ މަޑުން ފެށި އެއް ފިލްމެވެ.

ޑީސީގެ 2022 ގައި ނެރުނު "ބްލެކް އެޑަމް" އާއި މި އަހަރުގެ "ޝެޒާމް: ފިއުރީ އޮފް ދަ ގޯޑްސް" އާއި "ދަ ފްލޭޝް"ގެ އިތުރުން 2021 ގެ "ސުއިސައިޑް ސްކޮޑް" އަކީ ރަނގަޅު ފެށުމަކަށްފަހު، ފަހުން ބޮކްސް އޮފީހުގައި ފްލޮޕަކަށް ވެފަ އެވެ.

ސަތޭކަ ހަތަރު މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ، އަދި އެތައް މިލިއަނެއް މާކެޓިން އަށް ހަރަދުކުރި "ބްލޫ ބީޓްލް"އާ މެދު އުއްމީދު ބޮޑެވެ.

ވޯނާ ބްރަދާސް އިން ވަނީ ދެކުނު ކެލިފޯނިއާ އަށް މިވަގުތު އަސަރުކުރަމުންދާ ތޫފާން ހިލަރީގެ ސަބަބުން ސިނަމާތަކަށްދާ މީހުންގެ ރޭޓަށް އަސަރުކުރާނެ ކަމަށް މީޑިއާތަކަށް އަންގާފައިވެ އެވެ. "ބްލޫ ބީޓްލް" އަށް މިހާތަނަށް 77 ޕަސަންޓުގެ ސްކޯ އަކާއި ސިނަމަސްކޯ އިން ބީ ޕްލަސްއެއް ލިބިފައިވެ އެވެ.