ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ވިނަރެސް ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.

ހުޅުމާލޭގައި ވިނަރެސް ފްލެޓްތައް ހުންނަ ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފްލެޓް ތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެވެ.

މިއަދު ތަޅުދަނޑި ހަވާލުކުރި މީހުންގެ ތެރޭގައި ހިޔާ ފްލެޓް ލިބި ދޫކޮށްލި މީހުންނާއި، ގުޅިފަޅުން ފްލެޓް ގަނެފައި ވަނިކޮށް އެތަނުން ނެރުނު މީހުންނާއި، ސީލައިފް ކުންފުންޏަކަށް ފައިސާ ދައްކައިގެން ލަނޑު ލިބުނު މީހުންނަށްވެސް ފްލެޓް ދީފައިވެ އެވެ.

މިރަސްމިއްޔާތުގައި އަކްރަމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު ފްލެޓް ގަނެ ލަނޑު ލިބިފައިވާ މީހުންނަށްވެސް މިސަރުކާރުން މިއަދު މިވަނީ ގޮތްތަކެއް ހަމަޖައްސައިދީފައި ކަމަށެވެ.

"ގުޅީފަޅުން ފްލެޓް ވިއްކުމަށް ހުޅުވާލުމުން 158 ފަރާތުން 184 ފްލެޓް ގަތުމަށް ފައިސާ ދައްކަން އޭރު ފަށާފައިވޭ. 2017 ގައި ހުޅުމާލޭގައި އޭރު އިމާރާތްކޮށްފައިވާ 604 ފްލެޓުގެ ތެރެއިން އޭރު ގުޅީފަޅުން ބޭރުކުރި މީހުންގެ ތެރެއިން 18 ފްލެޓެއްވެސް ހަވާލުކުރި. އެކަމަކު ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް ނޭނގެ. ،މިދެންނެވިހެން ބާކީވި ބޭފުޅުންނަށް މިސަރުކާރުން ގޮތެއް ހޯދައިދީފި،" އަކްރަމް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ވިދާޅުވީ ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ މަޝްރޫއުގައި ޑިޒައިނަށްވެސް ބަދަލު ގެނެސްފައި. އެހެންވީމަ މިތަން ބޭނުން ކުރާއިރު މިހާރުވެސް ކޮމާޝަލް ތަންތަން ކަޑައަޅާ ބޭނުންވާ ފަރާތްތަކަށް ހަވާލުކޮށްފައި އެވަނީ،" އާތިފް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވަނީ ޕްރައިވެޓް ހައުސިން ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބޭ ޕްރައިވެޓް ހައުސިން އިންފޮމޭޝަން ޕޯޓަލްއެއް ވެސް އިފްތިތާހުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ފަރާތްތަކުން އަގު އަދާކޮށް ނިމޭއިރު އެޕާޓްމަންޓްގެ އަގު ދެގުނައާ ގާތްކުރާނެ އެވެ.