ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓަށް ޕޮއިންޓް އެއްވަރުވި މީހުންގެ ލިސްޓު އަލުން ތަރުތީބުކޮށްފި

ހުޅުމާލޭގެ ވިނަރެސް ފްލެޓު ގަންނަން ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެއްވަރަށް ޕޮއިންޓް ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ކުރިއަށް ގެންގޮސް ތަރުތީބުކުރި ލިސްޓު އާންމުކޮށްފި އެވެ.

އާބަންކޯ އިން ކުރި އިއުލާނެއްގައި ބުނީ ލިސްޓުގައި ޕޮއިންޓު އެއްވަރުވި މީހުންގެ ގުރު ނެގުމަށްފަހު ތަރުތީބު ކަނޑައެޅިފައިވާ ލިސްޓުގައި ހިމެނޭ މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ތެރެއިން 42 ޕޮއިންޓު ލިބިފައިވާ މީހުންގެ މެދުގައި ތަރުތީބު ކަނޑައެޅުމަށް ގުރު ނެގުން ކުރިއަށް ގެންދެވުނު ކަމަށެވެ.

އާބަންކޯ އިން ބުނީ މާޗް 30 ވަނަ ދުވަހު އެ ކުންފުނިން ކުރި އިއުލާނާއި އެއްގޮތަށް ގުރު ނެގުން ކުރިއަށް ގެންދިޔަފަހުން އިތުރު އެޕްލިކޭޝަނެއް 42 ޕޮއިންޓާއެކު ޝަރުތު ހަމަވާކަން އެންގި ކަމަށެވެ. އެ އެޕްލިކޭޝަނަކީ ޕްލޭނިން މިނިސްޓްރީން މުރާޖައާކުރަމުންދިޔަ އެޕްލިކޭޝަނެއް ކަމަށްވެސް އާބަންކޯއިން ވަނީ ބުނެފަ އެވެ.

"އެހެންކަމުން، މިކަމުގައި އެންމެ އިންސާފުވެރި ގޮތަކީ 42 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން ކަމަށް،" އާބަންކޯ އިން ވަނީ ބުނެފަ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި އަލުން ގުރު ނެގުން ކުރިއަށް ގެންދިޔައީ އެޕްރީލް 30 ވަނަ ދުވަހު އެވެ.

އާބަންކޯ އިން ބުނި ގޮތުގައި އެޕާޓްމަންޓް އިހުތިޔާރުކުރުމުގެ ކަންކަން ދެން ކުރިއަށް ގެންދާނީ އާ ލިސްޓުގައިވާ ތަރުތީބުންނެވެ.

ވިނަރެސް 1،344 ޔުނިޓުގެ ތެރެއިން މި ލިސްޓުގައިވާ މީހުންނަށް ޔުނިޓު އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނީ ހިޔާ، ސީލައިފް އަދި ގުޅީފަޅު ކެޓެގެރީގެ ފަރާތްތަކުން އިހުތިޔާރުކޮށްފައިވާ ޔުނިޓްތައް އުނކޮށް ބާކީ ހުރި ޔުނިޓުތަކުންނެވެ.

އާބަންކޯ އިން ބުނި ގޮތުގައި ހިޔާ އަދި ސީލައިފް ކެޓެގަރީގައި ހިމެނޭ މީހުންގެ މާލީ ގާބިލިއްޔަތުކަން ބެލުމުގެ މަރުހަލާ ކުރިއަށްދާއިރު މާލީ ގާބިލިއްޔަތުކަން ހަމަނުވާ އެޕްލިކޭޝަންތަކުގެ ޔުނިޓު އިހުތިޔާރުކުރުމުގެ ފުރުސަތު ލިސްޓުގައި ބާކީ ތިބޭ މީހުންނަށް ލިބޭނެ އެވެ.