ޑރ. މުހައްމަދު މުއިއްޒު

މޫސާ ސިރާޖުގެ ތާއީދު ޑރ. މުއިއްޒަށް

އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި އެވެ.

ޑރ. މުއިއްޒުއާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި މޫސާ ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދި ކަމުގައިވިޔަސް މިއިންތިހާބުގައި އެކަން ބަދަލުކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓީއެއްގައި މޫސާ ސިރާޖު މިއަދު ވިދާޅުވީ އެމްޑީޕީން ވަކިވަނީ އެ ޕާޓީގައި އިތުރަށް ހުންނެވުމަށް ބޭނުން ނުވާތީ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ނުވާތީ ތިޔަ ޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދެމެވެ." މޫސާ ސިރާޖު މިއަދު ފޮނުއްވި ސިޓީގައިވެ އެވެ.

މޫސާ ސިރާޖު އެމްޑީޕީގައި މިދިޔަ ދުވަސްތަކުގައި ހުންނެވި ނަމަވެސް އަދި މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެންމެ ފަހު ވަގުތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި ނަމަވެސް ސަރުކާރާ ދުރުގައި އޭނާ ހުންނަވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މާލެ ރައްޔިތުންނަށް މިސަރުކާރުން ގޯތި ދޭން ނިންމުމުން ވެސް އެކަމާ ދެކޮޅަށް މޫސާ ސިރާޖު ވާހަކަދައްކަވާފައިވެ އެވެ.