ގާސިމް އިބްރާހިމް

ވަޒީފާގެ ގޮތުން "ރިސްކް" އޮތް މުވައްޒަފުންނަށް ހާއްސަ އެލަވަންސް

އަދާކުރާ ވަޒީފާގެ ގޮތުން "ރިސްކް" އޮތް މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ -- ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ހދ. ކުރިނބީއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގާސިމު ވަނީ ގައުމުގެ ހަމަޖެހުން މި ސަރުކާރުން ނަގާލާފައިވާ ކަމަށް ތުހުމަތު ކުރައްވާ އެވެ. އެކަމުގެ ސަބަބުން ވަޒީފާ އަދާކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހޮސްޕިޓަލުގައި މަަސައްކަތްކުރާ މުވައްޒަފުންނާއި، ފުލުހުންނާއި ސިފައިންގެ އިތުރުން އެއާޕޯޓު މުވައްޒަފުންނާއި "ރިސްކު" އޮވެގެން މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސްކް އެލަވެންސް ދޭނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަޒީފާގެ މާހައުލުގެ ނުވަތަ މަސައްކަތުގެ ގޮތުން ރިސްކު އިތުރުވާ ނިސްބަތުން ރިސްކު އެލަވަންސް އިތުރުވާނެ ކަމަށެވެ.

ގާސިމު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީ ބޭނުންނުވާ އެއްވެސް ރައްޔިތެއް ނޫޅޭނެ ކަމަށެވެ.

"މިއަދު ގައުމު އޮތް ހާލަތުގެ ވާހަކަ ތަކުރާރުކޮށް އަޅުގަނޑުމެން ދައްކަމުން މިގެންދަނީ ތިޔަބޭފުޅުންގެ ނެތް އަމިއްލަ އެދުންތަކެއް އަޅުގަނޑުމެންގެ އޮވެގެނެއް ނޫން" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގާސިމު ވަނީ ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފަ އެވެ.

އިންތިހާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުމަކީ އަމާޒެއް ކަމަށް މި އިންތިހާބުގެ ތެރޭގައި ގާސިމު ވަނީ ވިދާޅުވެފަ އެވެ.