ހުޅުމާލެ

ސަފާރީތައް ހުޅުމާލޭ ފަޅުން ނަގައި ދިޔަނެރާއި ކުޑަގިރި ފަޅަށް ބަދަލުކުރަނީ

ހުޅުމާލެ ދެވަނަ ފިވަހީގެ ފަޅުގައި އަޅާފައި ހުރި ސަފާރީތައް ކ. ދިޔަނެރު އަދި ކުޑަގިރި ފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.

މި ސަފާރީތައް ކުޑަގިރިއާއި ދިޔަނެރު ފަޅަށް ބަދަލުކުރަން ނިންމާފައިވަނީ ހުޅުމާލޭން ގޯތި ދިނުމަށް އެ ސަރަހައްދުގެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ހުޅުމާލެ ފަޅަކީ ސަފާރީތަކާއި މި ނޫންވެސް ކަނޑުގެ އުޅަނދުފަހަރު އަޅަން ބޭނުންކުރަމުން އައި ފަޅެކެވެ. ނަމަވެސް މި ފަޅުން ބިން ހިއްކުމަށް އެކަމުގެ އަމަލީ މަސައްކަަތް ފެށުމަށްޓަކައި އާބަންކޯއިން ވަނީ ފަޅުގައި ހުރި އުޅަނދުފަހަރުތަށް ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 10 ދުވަސް ދީފަ އެވެެ.

ކުޑަގިރި އަދި ދިޔަނެރުގައި ސަފާރީތައް އެޅުމަށްޓަކައި އާބަންކޯއިން ހާއްސަ ރަޖިސްޓްރީއެއް ހޯދަންޖެހޭ އިރު، ސަފާރީ އަޅަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހާއްސަ އަގެއް ދައްކަން ޖެހެ އެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސަފާރީތައް އެޅުމަށް ހާއްސަކޮށް ދިޔަނެރުގެ ވަކި ސަރަހައްދެއްގައި އާބަންކޯއިން މޫރިން ބޮއެ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓާޕްލޭނުގައި ވަނީ އެތަނުގެ ފަޅުގައި ބައިނަލްއަގްވަމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ގާއިމްކުރަން ނިންމާފަ އެވެ. ނަމަވެސް މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެ ފަޅު ހިއްކަން މިވަނީ ނިންމާފަ އެވެ.
އަދި މި ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

ހުޅުމާލެއިން ގޯތި ދިނުމަށް ބޭނުންވާ ބިމާއި ދިޔަނެރު ފަޅު އަދި ތިލަފުއްޓަށް ބޭނުންވާ ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް -- ސީއެމްއީސީއާ ހަވާލުކޮށް މި މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ކްރޫޒް ޓާމިނަލް އެޅުމަށް މިހާރު ހަމަޖެހިފައިވަނީ ދިޔަނެރު ފަޅު ހިއްކުމަށްފަހު އެ ތަނުގަ އެވެ.