ފިނިޕޭޖް

"ސްނޯ ވައިޓް"ގެ ލައިވް އެކްޝަން ފިލްމަށް ފާޑުކިޔުން

ޑިޒްނީ ސްޓޫޑިއޯޒްއިން މީގެ ކުރިން ނެރެފައިވާ ކާމިޔާބު އެނިމޭޓަޑް ފިލްމްތަކަށް ލައިވް އެކްޝަން ފިލްމްތައް ހަދަމުންދެ އެވެ. އަދި ފަހަކަށް އައިސް އެ އެނިމޭޝަން ފިލްމުގެ ވާހަކަ އާއި ކެރެކްޓާތަކުގެ ސިފަ ބޮޑުކޮށް ބަދަލުކުރަމުންދާތީ، ޑިޒްނީ އަށް ފޭނުންގެ ގިނަ ފާޑުކިޔުން ކުރިމަތިވަމުންދެ އެވެ.

މިގޮތުން "ދަ ލިޓްލް މާމެއިޑް" ގައި ދޮން ނަސްލުގެ ރަތް އިސްތަށި ގަނޑަކާއި ނޫ ލޯ ހުންނަ އޭރިއަލްގެ ރޯލް އަދާކޮށްފައިވަނީ ކަޅު ނަސްލުގެ މުށި ޑްރެޑްލޮކްސް އާއި ކަޅު/ގަދަ މުށި ކުލައިގެ ލޯ ހުންނަ ހޭލީ ބެއިލީ އެވެ.

މި ފިލްމްގައި ބައެއް ކެރެކްޓާތަކުގެ ޖިންސްވެސް ބަދަލުކޮށްފައިވެ އެވެ. "މުލާން"ގެ ލައިވް އެކްޝަން ފިލްމްގައި ލީޑް މޭލް ކެރެކްޓާ އަދި ފަހުން މުލާންގެ ލޯބިވެރިޔާ ޖެނެރަލް ލީ ޝޭން ވަނީ އެއްކޮށް ވުޖޫދުން ނައްތާލާ، އެހެން ކެރެކްޓައެއް ތައާރަފްކޮށްފަ އެވެ. "ޕީޓާ ޕޭން"ގެ ދޮން ނަސްލުގެ ގަދަ ރަތް/މުށި ކުލައިގެ އިސްތަށި ހުންނަ ޕީޓާ ޕޭންގެ ރޯލް އަދާކުރީ ޖެމޭކަން އަދި ބްރިޓިޝް ނަސްލުގެ ކަޅު އިސްތަށްޓާއި ލެޓީނޯ ކުލަވަރު ހުންނަ އެލެކްޒެންޑާ މޮލޯނީ އެވެ.

ބްލޮންޑް އިސްތަށި ގަނޑާއި ނޫ ކުލައިގެ ލޯ ހުންނަ ޕަރީ ޓިންކާބެލް ކަޅު ނަސްލުގެ ކަޅު އިސްތަށި ގަނޑަކާއި ލޯ ހުންނަ ޔަރާ ޝަހީދީ އަދާކޮށްފައިވާއިރު، މި ފިލްމުގެ ލޮސްޓް ބޯއީޒްގެ ތެރެއަށް އަންހެން ކުދިން ހިމަނާފައިވެ އެވެ. އަދި 2025 ގައި ނެރެން އޮތް ފިލްމުތަކުގެ ތެރޭގައި "ހައު ޓު ޓްރޭން ޔޯ ޑްރޭގަން"ގެ ލައިވް އެކްޝަން ރީމޭކްގެ ވައިކިން ދަރިކޮޅުގެ މަޑު ބްލޮންޑް އިސްތަށި އަދި ނޫ ލޯ ހުންނަ އެސްޓްރިޑްގެ ރޯލް އަށް ހޮވާފައިވަނީ ގަދަ މުށިކުލައިގެ އިސްތަށި ގަނޑަކާއި ލޯ ހުންނަ ކަޅު އަދި ދޮން ނަސްލު އެއްވެފައިވާ ނީކޯ ޕާކާ އެވެ.

މިފަހަރު ޑިޒްނީ އަށް ފާޑުކިޔުން ކުރިމަތި މިވަނީ އެ ސްޓޫޑިއޯގެ އަދި ދުނިޔޭގެ ފުރަތަމަ އެނިމޭޝަން ފިލްމް، "ސްނޯ ވައިޓް އެންޑް ސެވަން ޑްވާފްސް"ގެ ލައިވް އެކްޝަން ރީމޭކް، "ސްނޯ ވައިޓް" އަށެވެ. 1937 ގައި ނެރުނު މި ފިލްމުގައި އުޅެނީ ހަންގަނޑު ހުދުކަމުން "ސްނޯ ވައިޓް"ގެ ނަން ދީ، ރަތް ކުލައިގެ ތުންފަތަކާއި ކަޅުކަޅު އިސްތަށިގަނޑެއް ހުންނަ ޕްރިންސަސް އަކާއި ހަތް ޑްވާފްސް (ކުރު) މީހުންނާއި ނުލަފާ ފަންޑިތަ ހަދާ ދޮން މަންމަ -- އީވަލް ކުއީން އަކާއި ސްނޯ ވައިޓް ދެކެ ލޯބިވާ ޕްރިންސެކެވެ. އެހެން ނަމަވެސް ޑިޒްނީ އިން ވަނީ މި ލައިވް އެކްޝަން ރީމޭކްގެ ވާހަކަ އާއި ކެރެކްޓާތަކުގެ ސިފަތައް މުޅިންހެން ބަދަލުކޮށްފަ އެވެ. ސްނޯ ވައިޓްގެ ރޯލަށް ހޮވާފައިވަނީ ލެޓިނޯ ދަރިކޮޅުގެ ރޭޗަލް ޒީގްލާ އެވެ. މީނާގެ ސިފަތައް ސްނޯ ވައިޓް އަކާ އެއްވެސް ގޮތަކަށް ވައްތަރެއް ނޫނެވެ.

"ސްނޯ ވައިޓް އެންޑް ސެވަން ޑްވާފްސް"، "ސްނޯ ވައިޓް" އަށް ބަދަލުކޮށް، އެކަކު ފިޔަވައި ޑްވޯފް ނޫން ފިރިހެނުންނާއި އަންހެނެއް މި ރޯލަށް ހޮވާފައިވެ އެވެ. އަދި އާ ކެރެކްޓާސް ވެސް އިތުރުކޮށް، ވާހަކަ ބަދަލުކޮށްފައިވާ ކަމަށް ރޭޗަލް އަދި އީވަލް ކުއީންގެ ރޯލް އަދާކުރާ ގަލް ގަދޮތް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ހާއްސަކޮށް ސޯޝަލް މީޑިއާގައި ފޭނުން ފާޑުކިޔާ، ނުރުހުން ފާޅުކުރަމުން އެބަދެ އެވެ. ބައެއް މީހުންގެ ހިޔާލަކީ ކުރީގެ ކްލެސިކް އެނިމޭޝަން ފިލްމްތަކަށް ލައިވް އެކްޝަން ހަދާއިރު، މައި ކެރެކްޓާގެ ފާހަގަ ފަދަ ސިފަތަކާ ނުގުޅޭ އެކްޓާ/އެކްޓްރެސް އެއް ހިމެނުން ފަދަ އެހާ ބޮޑެތި ބަދަލުތައް ގެނެސް، އޭގެ އަސްލު ގެއްލުވާލުމުން އެއީ ލައިވް އެކްޝަން ރީމޭކަކަށް ވުރެ އާ ފިލްމަކަށް ބަދަލުވާ ކަމަށެވެ. ކުލައިގެ މީހުންނާއި އެކި ނަސްލުތައް ދައްކަން ބޭނުންވާނަމަ، އެތައް އަހަރުތަކެއް ވަންދެން މީހުން ލޯބިވަމުން އަންނަ ކެރެކްޓާތައް ބަދަލުކޮށް ފިލްމް ހަލާކުކުރުމުގެ ބަދަލުގައި ކުލައިގެ މީހުންގެ ކެރެކްޓާތައް ހިމަނައިގެން "ދަ ފްރޮގް ޕްރިންސަސް"، "މޮއާނާ"، "ރާޔާ އެންޑް ދަ ލާސްޓް ޑްރޭގަން" އަދި "އެންކާންތޯ" ފަދަ އޮރިޖިނަލް ފިލްމް ހެދުން މުހިއްމު ކަމަށްވެސް ފާޑުކިޔާ މީހުން ދެކެ އެވެ.