ފިނިޕޭޖް

ޗޭސް މެޓްސަން އާއި ކެލިއޭން އަށް ދަރިއަކު ލިބިއްޖެ

އެކްޓަރު ޗޭސް މެޓްސަން، 27، އާއި އޭނާގެ އަންހެނުން ލަވަކިޔުންތެރިޔާ އަދި ކުރީގެ ޖިމްނަސްޓް ކެލިއޭން، 27، އަށް ދަރިއަކު ލިބިއްޖެ އެވެ.

މި ދެމަފިރިން އިންސްތަގްރާމްގައި މި ހަބަރު ޕޯސްޓްކުރިއިރު ހޮސްޕިޓަލްގައި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ހަނދާނުން ފޮހެލަން ބޭނުންނުވާ ހިނދުކޮޅެއް ކަމަށް ލިޔެފައިވެ އެވެ.

ދަރިފުޅުގެ ނަމަކީ ބްލެއާ އައިވީ މެޓްސަން އެވެ. އުފަން ދުވަހަކީ އޮގަސްޓް 19، 2023 ކަމަށްވެސް ލިޔެފައިވެ އެވެ.

ޗޭސް އާއި ކެލީއޭންއަށް ދަރިއަކު ލިބެން އުޅޭ ހަބަރު އެންމެ ފުރަތަމަ އާންމުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.

މިއީ މިދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. ޗޭސްގެ ކުރީގެ ގުޅުމަށް އަށް އަހަރުގެ ހޭޒަލް އާއި ފަސް އަހަރުގެ ނޯރާ ލިބިފައިވެ އެވެ.

ކެލީއޭން އާއި ޗޭސްގެ ލޯބީގެ ވާހަކައަކީ ކޯވިޑް-19ގެ ތެރޭގައި އުފެދިގެން އައި ވާހަކަ އެކެވެ.

ކޯވިޑް-19ގެ ދުވަސްވަރު ކެލީއޭންއަށް އިންސްތަގްރާމް އެކްސްޕްލޯ ޕޭޖުން ޗޭސް ފެނުމުން، ޑީއެމް ކުރީ އެވެ. ޑީއެމް ކުރަމުންގޮސް ފޭސްޓައިމް އިން ބަދަލުވީ ޑޭޓަކަށެވެ. އޭގެ އެއްމަސް ފަހުން ލޯބީގެ ގޮތުން ރަސްމީކޮށް ގުޅުނެވެ. ޑިސެމްބަރު 2020 ގައި އެންގޭޖްވުމަށްފަހު މި ދެ ލޯބިވެރިން ކައިވެނި ކުރީ ޖޫން 2022 ގައެވެ.