ދިވެހި ގައުމު އޮތީ ކުރަފަތެއްގެ މިޔަމަތީގައި ނުރައްކާތެރި ފައްތަރެއްގައި ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނ. ކެނދިކުޅުދޫގައި މިއަދު އޮތް ކެމްޕޭން ޖަލްސާގައި ގާސިމް ވަނީ ރައީސް ސޯލިހާއި ސަރުކާރުގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ގާސިމް ވިދާޅުވީ ރައީސް ސޯލިހާއި ސަރުކާރުގެ ނިންމުންތައް ފެނިގެން ދަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އެހެންވެ ގައުމުގެ ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ.
"މިއަދު ގައުމު މިއޮތީ ނުރައްކަލުގެ ތުންފަތްމަތީގައި އެނގޭތޯ. ކުރަފަތެއްގެ މިޔަމަތީގައި އޮންނަ ފަދައިން. އެހެންވީމާ އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ދެއްތޮ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ދައުލަށް އާމްދަނީ ލިބޭ މިންވަރު ބެލުމެއް ނެތި މިސަރުކާރުން ލޯން ނަގާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ދިވެހި ދައުލަތުން 2026 ވަނަ އަހަރު ލޯނަށް އެއްބިލިއަނެއްހާ ޑޮލަރު ދައްކަންޖެހިފައިވާތީ އެކަން ފާހަގަކުރައްވާ ގާސިމް ވަނީ އެ ފައިސާ ހޯދާނެ ގޮތަކާ މެދު ސުވާލު އުފައްދަވާފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރު މުދަލެއް ވިއްކާލައިގެން ނޫން ގޮތަކަށް އެ އަދަދު ނުހޯދޭނެ އެވެ.
ގާސިމް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނާތީ ބައެއް ކަންކަން ސާފުކުރެއްވުމަށް ރައީސް ސޯލިހަށް ސިޓީއެއް ލިޔުއްވާފަ އެވެ. އެ ސިޓީ ފޮނުއްވިތާ ހަތަރު މަސް ވެގެން ދިޔައިރު ރައީސް ސޯލިހް ޖަވާބެއް ނުދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާފަދަ އެއްްވެސް ކަމެއް އޮތް ނަމަ އެކަމާ މެދު ކޯލިޝަން ބައިވެރިންނާ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނާ ކަމަށެވެ. ނަމަވެސް ގައުމުގެ ދަރަނި އަތް ނުފޯރާ ފަށަން ދިޔައިރު އަދި ރާއްޖޭގައި ބޭރުގެ ސިފައިން ތިބިއިރު ކޯލިޝަން ބައިވެރިންނާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
އެހެންވެ ގާސިމް ވަނީ މަޝްވަރާ ނުކޮށް ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ކުރާތީ ރައީސް ސޯލިހާ އެކު ރިޔާސީ ދެވަނަ ދައުރަކަށް ދިއުމަށް އެއްބަސްވާނީ ކިހިނެއްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. ދެވަނަ އެއްބަސްވުމެއް ނުހެދީ އެ ސަބަބަށްޓަކައި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.