ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދުވާފަރަށް ރައީސް ދެއްވީ އެއާޕޯޓެއްގެ އުއްމީދު

ރ. ދުވާފަރުގައި އެއާޕޯޓެއް އެޅުމުގެ އުއްމީދެއް އެރަށުގެ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ދުވާފަރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދުވާފަރުގައި އެއާޕޯޓެއް އަޅައިދިނުމަށް އެރަށުގެ ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމުގައި ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ އެދުމެއްވީމާ އެކަން ބޮލާލައި ނުޖައްސަވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި އިތުރަށް ކުރަންޖެހޭ މަޝްވަރާތަކެއް އެބަހުރި ކަމުގައި ވިދާޅުވި އެެވެ.

"ތިޔަބޭފުޅުން އެއްގޮތަކަށްވެސް އުއްމީދު ގެއްލުވާ ނުލާ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދެރަގޮތެއް ނުހަދާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދުވާފަރުގައި މިހާރު ހުރި ސިއްހީ މަރުކަޒު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ދުވާފަރުގައި ތާރުއަޅައިގެން މިހާރު ހަދާފައި ނުވާ މަގުތަކުގައި ތާރުއަޅައިދިނުމަށާއި ދަރިވަރުން ސްކޫލަށް ގެންދިއުމަށް ބަހުގެ ހިދުމަތް ބޭނުންވާތީ ބަހުގެ ހިދުމަތް ފަށައިދިނުމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.

ރ. އަތޮޅު އިފުރުގައި މިހާރުވެސް އެއާޕޯޓެއް އޮވެ އެވެ. މީގެއިތުރުން ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު ރ. ބެރިޔަންފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރ. ދުވާފަރުގައި އެއާޕޯޓެއް އަޅަން ނިންމައިފިނަމަ މިއީ އެއް އަތޮޅެއްގައި އެންމެ އެއާޕޯޓް ގިނަ އަތޮޅަށް ވެގެންދާނެ އެވެ.