ވެރިކަމަށް އައި އިރު އެންމެ ގިނަ ފޯނު ކޯލު އައި މައްސަލަ ކަމަށްވާ ކަރަންޓުގެ މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރ. ރަސްމާދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް އައުމަށްފަހު އެންމެ ގިނައިން ދިމާވި މައްސަލަ އަކީ ކަރަންޓުގެ މައްސަލަ ކަމަށެވެ. ރައްޔިތުންގެ އެ ކަންބޮޑުވުން މިހާރު ވާނީ ހައްލުކޮށްދީފައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައި އިރު އެންމެ ގިނަ ފޯނު ކޯލު އައި ކަމަކީ ކަރަންޓުގެ މައްސަލަ. ހާއްސަކޮށް ހުކުރު ދުވަހު ފޯނު ކޯލުތައް ގިނަ ވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ކަރަންޓު ކެނޑިގެން އަންނަ ޝަކުވާ ހާއްސަކޮށް ހުކުރު ދުވަހުގައި ގިނަ ވަނީ އެ ދުވަހަކީ ގިނަ ބަޔަކު ރަށުގައި ތިބޭނެ ދުވަހަކަށް ވުމާއެކު ކަރަންޓު ބޭނުންކުރާލެއް އިތުރުވާތީ ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްތަކެއްކޮށް މިހާރު ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ކަރަންޓުގެ ހިދުމަތް ބަރާބަރަށް ލިބޭ ގޮތް ހަދައިދެވިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ ކަންތައްތަކުގައި ގޮތް ނިންމުމުގައި އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި މަޝްވަރާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެންމެންގެ ވިސްނުން އަޑު އެހުމަށްފަހު ގިނަ ބަޔަކު އެދޭ ގޮތަށް ކަންކުރަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"ޒުވާނުން ބޭނުންވަނީ ކުޅިވަރު ކުޅެވޭނެ ޒަމާނި ވަސީލަތްތަކާއި މުނިފޫހިފިލުވުމަށް ތިބޭނެ ތަންތަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ހާއްސަވެފައި އޮތީ ހަމައެކަނި ދެތިން ކުޅިވަރެއް ކަމަށެވެ. އެކަމަކު މިހާރު އެ މަންޒަރު ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ރާއްޖެއަށް އައުމަށްފަހު އެންމެ ގިނައިން ސުވާލުކުރާ އެއް ކަމަކީ ރާއްޖޭގައި ވޯޓާސްޕޯޓްސް ކުރިނާރުވަނީ ކީއްވެގެންތޯ އެވެ. ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް، ރީތި ބީޗް ތަކެއް ލިބިފައިވާ ތަނަކަށްވާއިރު ރާއްޖޭގައި ވޯޓާސްޕޯޓްސް ކުރިއަރަން ޖެހޭނެ ކަމަށް އެންމެން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
މިހާރު ރާއްޖެ މިވަނީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތައް ކުރިއަށްދާ ގައުމަކަށް ވެފައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މިކަމުގެ ސަބަބުން އިގުތިސޯދަށްވެސް ހެޔޮ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ވިދާޅުވި އެވެ.
"ސިޔާސަތަށް ގެނެވުނު ބަދަލާއެކު މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވެގެން ދާނެ ރާއްޖެއަށް އެންމެ ރަނގަޅު ކާމިޔާބު އިރާދަކުރެއްވިއްޔާ ލިބޭނެ އެންމެ ފަހުރުވެރި ނަތީޖާތަކެއް ހޯދާނެ އަހަރަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރަސްމާދޫގެ ވައުދުތައް
- ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދިނުން
- ސްކޫލުގެ މަލްޓިޕާޕަސް ހޯލް ހަދައިދިނުން
- ކައުންސިލް އިދާރާގެ އާ އިމާރާތެއް އަޅައިދިނުން
- ފުޓުބޯޅަ ދަނޑުގައި ޓާފް އަޅައިދިނުން
- އައުޓްޑޯ ޖިމެއް އަޅައިދިނުން
- ހައުސިން ޔުނިޓު ނުވަތަ ރޯހައުސް އަޅައިދިނުން
އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ ދެން އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުން ކަމަށެވެ. އަދި މިހާރުއްސުރެ އެކަމަށްޓަކައި ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އެދުވަސް ވެގެންދާނެ ރާއްޖޭގައި ކުޅިވަރަށް އަނެއްކާވެސް މުޅިން އާ އުޖާލާ އެހެން ހަރުފަތަކަށް ރާއްޖެ ގެންދެވޭނެ ދުވަހަކަށް. ޒުވާނުންގެ އުއްމީދުތައް ފުރިހަމަވަމުން ދާތަން ފެންނާނެ،" ރައީސް ވިދާޅުވިި އެވެ.
ރައީސް ވިދާޅުވީ ރަސްމާދޫ ހިމެނޭ ދާއިރާގެ ހުރިހާ ރަށެއްގެ، ހާއްސަކޮށް ރަސްމާދޫގެ ބޮޑު އަހުލަބިއްޔަތެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ.