މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ޕެސްޓް ހައްޔަރުކުރީ 2.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެވެ. އޭނާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ޕެސްޓާއި އޭނާގެ އެކުވެރިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އިފްހާމުގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ ނިންމުމުގައިވާ ގޮތުގައި ޕެސްޓުގެ އިތުރަށް އޭނާއާއި އެކު ދެން ދައުވާ ކުރި އެންމެންގެ މައްޗައްވެސް ކުށް ސާބިތެއް ނުވެ އެވެ.
މި މައްސަލައިގައި ފުލުހުން ދެ ގެއެއް ބަލައި ފާސް ކުރި އެވެ. ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގު ފެނުނީ ފުލުހުން ބެލި ދެވަނަ ގެއިންނާއި ނޯތު ހާބަރުގައި އޮތް ބޯޓަކަށް އެރުވި ސްޓޭންޑު ފަންކާއަކުންނެވެ.
މި މައްސަލާގައި ޕެސްޓާއި އެ ޑްރަގުތަކާއި ގުޅުވާލެވެން އޮތް ހަމައެކަނި ކަމަކީ، ފުލުހުން ބަލައި ފާސް ކުރި ގެތަކުގެ ތެރެއިން ގެއެއްގައި ބަހައްޓާފައި ހުރި ފޮށިގަނޑަކުން ފެނުނު އޭނާގެ ފިންގާޕްރިންޓުންނެވެ. އެ ފޮށިގަނޑުގެ ތެރޭގައި ޑްރަގު ނެތްކަމުގައިވިޔަސް އެގޭތެރޭގައި ހުރި އަލަމާރިއަކުން ވަނީ ޑްރަގު ފެނިފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ ޕެސްޓާއި އެ ޑްރަގުތަކާއި ގުޅުވާލާފަ އެވެ.
އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، އެ ފޮށިގަނޑުން ޕެސްޓުގެ ފިންގާޕްރިންޓު ފިޔަވައި އެހެން އެއްވެސް މީހެއްގެ ފިންގާޕްރިންޓު ފުލުހުން ނުނަގާ ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުލުހުން އެ ފޮށިން ފިންގަޕްރިންޓު ނެގީވެސް ފުލުހުންގެ ޑޭޓާބޭސްއިން ޕެސްޓްގެ ފިންގަ ޕްރިންޓް ވަކިން ބަލާފައި ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.
މީހުން ދިރިއުޅޭ ގެއެއްގައި ހާމައަށް ބަހައްޓާފައި ހުރި ފޮށިގަނޑަކުން ޕެސްޓްގެ ފިންގަޕްރިންޓް ފެނުނު ކަމުގައިވިޔަސް އެކަމުގެ ޒިންމާ އޭނާ ނަގަން ނުޖެހޭނެ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޑްރަގު ފެނުނު ގެއަށް ޕެސްޓާއި އެކު ދައުވާ ލިބުނު ސުއައިދު ވަންނަ ވީޑިއޯ ފުޓޭޖު ހުރިކަމުގައިވިޔަސް އެމީހުންނާއި ޑްރަގާއި ގުޅުވާލެވޭނެ އެއްވެސް އިތުރު ގޮތެއް ނެތް ކަމަށް ހުކުމްގައިވެ އެވެ. މީގެ އިތުރުން ޝަރީއަތަށް، އެމީހުންނާއި ޑްރަގު ފެނުނު ކޮޓަރިއާއި ހުރި ގުޅުން ސާފުކޮށްދެވޭނެ ގޮތެއް ނެތް ކަމަށްވެސް ހުކުމްގައިވެ އެވެ.
ދައުލަތުން ބުނާ ގޮތުގައި ނޯތުހާބަރުގައި އޮތް ބޯޓަށް އެރުވި ފަންކާ ގަތީ ސުއައިދާއި ދައުވާ ލިބުނު ހުސާމު ފިހާރައަކަށް ގޮސްގެންނެވެ. އަދި ފަންކާ ގަތުމަށްފަހު ފުލުހުން ބަލައި ފާސްކުރި ގެއަށް އެ ފަންކާ ވެއްދި ކަމަށްވެސް ދައުލުން ބުނެ އެވެ. ފަންކާ އެ ގެއަށް ވެއްދިއިރު ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޕެސްޓްވެސް އެތަނުގައި ހުރި ކަމަށް ބުނެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓުތައް ފުލުހުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
އެ ފަންކާ ބޯޓަށް އެރުވި ވަގުތާއި ފުލުހުން އެ ބަލައި ފާސްކުރި ވަގުތާއި ދެމެދު 24 ގަޑި އިރަށް ވުރެ ގިނައިރު ވެފައިވާ ކަމަށާއި އެތަނުގައި އެހެން މީހުން އުޅުނު ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެ ވަގުތުގެ ތެރޭގައި ފަންކާގެ ތެރެއަށް އެހެން މީހަކު އެއްޗެއް ލުން އެކަށީގެންވާ ކަމަކަށް ވުމުން އެ ޑްރަގުތަކާއި އެމީހުންނާއި ގުޅުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް ހުކުމްގައިވެ އެވެ.
މީގެ އިތުރުން އެމީހުންގެ އަތުން ފެނުނު ފައިސާ އަކީ ވެސް ޑްރަގް ޓްރެފިކް ކޮށްގެން ހޯދި ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ.
ފުލުހުން ބަލައި ފާސްކުރި ގެތައް ބެލީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވިޔަސް ގެ ބަލައި ފާސްކުރީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ހުކުމުގައިވެ އެވެ. އަދި ބައެއް ސީސީޓީވީ ފުޓޭޖުތައް ހޯދީ އަމިއްލަ ފަރާތްތަކެއްގެ އަތުން ކަމަށާއި މި ފުޓޭޖުތައް ހޯދީ އޭގެ ވެރިފަރާތުގެ ހުއްދަ އޮވެގެން ކަމެއް އެނގޭނެ ކަމުގެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ޒުވާނުންގެ މެދުގައި މަގުބޫލް ސިމްބޮލިކް ރެކޯޑްސްއަށް ނިސްބަތްވާ އިފްހާމު މަޝްހޫރީ ރާއްޖޭގެ ރެޕް ކިންގްގެ ގޮތުގަ އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވީ 2011 ވަނަ އަހަރު "ރީތި ކުދިން"ގެ ނަމުގައި ކިޔާފައިވާ ރެޕް ލަވައިންނެވެ.