މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގު އެތެރެކުރި ދެމަފިރިން ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދިވެހި ދެމަފިރިން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި އުމުރުން 20 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހުން ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެ އެވެ.

އެގޮތުން އެ މީހުން ވައިގެ މަގުން ރާއްޖެއަށް އައިއިރު ގެނައި ލަގެޖް ފޮށިން ތަފާތު ބާވަތްތަކުގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވެ އެވެ. އަދި ލަގެޖުން އެ ދެ މީހުންގެ އަންނައުނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވަގުތީ ނަތީޖާ ސީއޯސީ، ޓީއެޗްސީ، އަދި ބެންޒޯ އަށް ޕޮސިޓިވްކަމަށް ފުލުހުން ބުނާއިރު ސީންގެ ފުލުހުންގެ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހާއްސަ އުކުޅެއް ބޭނުންކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާ ކަމަށާއި އެ މީހުން އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ކަމުގައި އިތުރު ބަޔަކު ބައިވެރިވާ ކަމަށް ބުރަވެވޭ ކަމަަށްވެސް ފުލުހުން ބަންދު މަޖިލީހުގައި ބުނެފައިވެ އެވެ.