ޑރ. މުހައްމަދު މުއިއްޒު

މިސަރުކާރުގެ މަޝްރޫއުތައް ލަސްވެގެން ހައިރާނެއް ނުވޭ: މުއިއްޒު

އެމްޑީޕީގެ ސަރުކާރަކަށް ފަސް އަހަރު ތެރޭގައި މަޝްރޫއުއެއް ނިންމާލެވިފައި ނުވާތީ އެކަމާ އެއްގޮތަކަށްވެސް ހައިރާންވެ ވަޑައިނުގަންނަވާ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. ހޮޅުދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބައެއް މަޝްރޫއުތަކަށް އެކަމަށް ހޭދަވާ ފައިސާގެ ދެގުނަ ހޭދަކުރާ ކަމަށެވެ. ނަމަވެސް މި މަޝަރޫއުތައް ހަލުވިކޮށް ގެންގޮސް ނިންމާ ނުލެވޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގުގައި ތާރު އެޅުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް މިި ސަރުކާރުން ވަނީ އެ މަޝްރޫއަށް އަސްލު ބޭނުންވާ އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ހަރަދުކޮށްފައި ކަމަށެވެ. އެކަމަކު އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއު ފެށިތާ އަހަރެއްވީއިރު މަސައްކަތް ނުނިމޭތީ މުއިއްޒު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"އަޅުގަނޑު ހައިރާނެއް ނުވޭ ފަސް އަހަރު ތެރޭ މަޝްރޫއުއެއް ނުނިމުނީމަ. މާލޭން އަޅުގަނޑުމެނަށް ފެނޭ އަމީނީ މަގަށް ވެގެން އުޅޭ ގޮތްވެސް،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ރަނގަޅު ޕްލޭނެއްގެ ތެރެއިން ހަރަދުކުރެވިއްޖެނަމަ ތަރައްގީގެ މަޝްރޫއުތަކާއި އިދްތިސާދީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ދައުލަތުގައި އެކަށީގެންވާ އަދަދަކަށް ހުންނާނެ ކަމަށެވެ.

"އެހެންވީމާ ފަސް އަހަރު ދުވަހެއްގެ ބަޖެޓު ޕްލޭން ކުރެވިގެންދާއިރުގައި މިހެން ހުންނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ އާމްދަނީގެ ތެރެއިން ކުރެވެން ހުންނާނެ ކަންކަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ އިގްތިސާދީ ޕްލޭނުގައި ވާނީ ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ކަނޑައަޅައި، ހަރަދު ކުޑަކުރެވޭނެ ގޮތް އަދި އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ހިމަނާފައި ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހޮޅުދޫ ރައްޔިތުން އެދޭ ގޮތަކަށް ރަނގަޅު ފެންވަރުގެ ސްކޫލެއް އެރަށުގައި އަޅައިދޭނެ ކަމަށެވެ. އަދި ގެދޮރުގެ ދަތިކަމަށް ހައްލު ގެނެސްދޭނެ ކަމަށާއި ލުއި ލޯން މެދުވެރިކޮށް ހުރިހާ ރައްޔިތުންނަށްވެސް ގެދޮރު ހެދޭނެ ގޮތް ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެރަށުގެ ބޮޑެތި މަގުތައް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.