އެއްވެސް ބޭނުމެއް ނެތް ގޮތުގައި އަދި ނުއަގުގައި މިސަރުކާރުން ވަނީ ރާއްޖޭގެ އެތައް ފަޅެއް އެތައް ބަޔަކަށް ވިއްކާފައި ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. ވެލިދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭކާރު ގޮތުގައި ދޫކޮށްފައިވާ ފަޅުތަކާއި ރަށްތައް ގާނޫނީ ހަމަތަކުގެ ތެރެއިން އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް އެ ފަޅުތައް ތަރައްގީކުރާނެ ކަމަށެވެ.
ނ. އަތޮޅުގައި އެފަދަ ފަޅެއް އޮތްކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެތަނުގެ ފަރު ހިމާޔަތްކޮށް، އެ ފަޅު ހިއްކުމަށްފަހު އެތަނުގައި އެއާޕޯޓެއް އަޅައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.
މިސަރުކާރުގެ މަޝްރޫއުތައް މާލަހުން ކުރިއަށްދާތީ ރައްޔިތުން އެކަމާ ހިތްހަމަނުޖެހޭކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އޭނާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުރިހާ ރަށަކަށްވެސް ދިއުމަށް ދައުވަތު އަންނާތީ ކަމަށެވެ. ނަމަވެސް ވަގުތު އޮތް ގޮތުން މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށެވެ.
"ހުރިހާ ރަށަކަށް ނުދެވުން އެކަށީގެންވޭ. ނަމަވެސް ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކޮށް ހުރި ކަންބޮޑުވުންތަކާ ގުޅޭ މަޝްވަރާ ކުރާނަން" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުން ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމަށް ހުށަހަޅާފައިވާތީ އެ މައްސަލަ ހައްލު ކޮށްދިނުމަށްޓަކައި ގެދޮރު ބިނާކުރެވޭނެ ގޮތް ހަދައިދީ ފްލެޓް އަޅައިދޭނެ ކަމަށެވެ.
ވެލިދޫއާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ވެލިދޫ އަކީ އިންގިލާބީ ބޮޑު ބަދަލެއް ގެނެވިދާނެ ރަށެއް ކަމަށެވެ. ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ވެލިދޫ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އެގޮތުން ވެލިދޫގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް، ، އެރަށުގެ ފަޅުގައި ރިސޯޓެއް ހަދައިދީ ޒުވާނުންނަށް ވަޒިފާގެ ފުރުސަތު އިތުރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވެލިދޫގެ ކުނި މެނޭޖުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމަކަށްވާތީ އެކަން ކުރުމަށްޓަކައި ރައްޔިތުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އެފަދަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.