އިލެކްޝަންސް ކޮމިޝަން

އީސީގެ މަރުކަޒުތަކުގެ ކައިރީ ކެމްޕޭން އެއްޗެހި ހަރުކުރުން މަނާ

އިލެކްޝަންސް ކޮމިޝަންގެ މައި އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސް އިމާރާތް އަދި ރިޔާސީ އިންތިހާބުގެ މައި މަރުކަޒު ހުންނަ ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ކެމްޕޭންގެ އެއްވެސް އެއްޗެއް ދެމުމާއި ހަރުކުރުން މަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ޕޯޓް ކޮމްޕްލެކްސް އިމާރާތާއި ދަރުބާރުގޭގެ ކުރިމައްޗަށްވާ ގޮތަށާއި، އިންވެގެންވާ މަގުތަކާއި، ގޯޅިތަކުގައި އެއްވެސް ޕާޓީއެއްގެ އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ދިދައާއި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުން ފަދަ ކަންކަން ނުކުރުމަށް ހުރިހާ ޕާޓީތަކަށްވެސް އަންގާފައިވާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ ކެމްޕޭނާ ގުޅޭ އެއްވެސް އެއްޗެއް އެ ސަރަހައްދުތަކުގައި މިހާރު ހަރުކުރެވިފައިވާނަމަ ވީހާވެސް އަވަހަށް އެތަކެތި ނެގުމަށް އަންގާފައިވާނެ ކަމަށެވެ.

"އާންމު ތަންތަނާއި، އަމިއްލަ މީހުންގެ އިމާރާތްތަކުގައި، ކެމްޕޭން މެޓީރިއަލްސް ދެމުން، ހަރުކުރުން ނުވަތަ ތަތްކުރުމުގެ ކުރިން ކައުންސިލްތަކުން ނުވަތަ އެ އިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ ހޯއްދެވުމަށްވެސް އީސީ އިން ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް އިލްތިމާސްކުރައްވާ،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހާއްސަކޮށް މާލޭގައި މި ފޯރި ވަނީ ގަދަވެފަ އެވެ.