ސީރިޔާ

ސީރިޔާގައި ހަމަލާތަކެއްދީ 50 އަށްވުރެ ގިނަ މީހުން މަރާލައިފި

  • އދ. އިން ވަނީ ހަމަލާ ކުށްވެރިކޮށްފައި
  • ހަމަލާތައް އަމާޒުކޮށްފައި ވަނީ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް
  • 50 މީހުން މަރުވި އިރު، އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ

ސީރިޔާ ހަނގުރާމައިގާ ފަސް ހޮސްޕިޓަލަކާއި ދެ ސްކޫލަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީ ގިނަ އަދަދެއްގެ މީހުން މަރާލައިފި އެވެ.

އދ. އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތަކުގެ ސަބަބުން 50 މީހުން ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ވަރަށް ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ. ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވި އިރު މި ހަމަލާތައް ސީރިއާގެ ތަފާތު ސަރަހައްދުތަކަށް އަމާޒު ކުރުމުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެ ބައެއް މީހުން ގެއްލިފައި ވެއެވެ.

މި ހަމަލާތަކާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ އިއްޔެ ދިން ހަމަލާތަކަކީ ބައިންލައަގްވާމީ ގާނޫނުތަކާއި ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށާއި ހަމަލާތަކުގެ ތެރޭގައި އެތަކެއް ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. ސީރިޔާގައި އޮތް ނާޒުކު ހާލަތަށް އިޝާރާތް ކުރައްވާ ބާން ވިދާޅުވީ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާ ކުރުމުގެ ނިޒާމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން ބާން ވަނީ ވައިގެ އެ ހަމަލާތައް ކުށްވެރިކުރައްވާފަ އެވެ.

ބާން، އެ ހަމަލާތައް ކުށްވެރި ކުރެއްވި އިރު ހަމަލާތައް ދިނީ ކޮން ބައެއްކަން އަދި ސާފުވެފައެއް ނުވެ އެވެ. އަދި އެއްވެސް ފަރާތަކުން އެ ހަމަލާތަކުގެ ޒިންމާވެސް އުފުލާފައެއް ނުވެއެވެ.

ފްރާންސް އަދި ތުރުކީއިން ވަނީ މި ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ" ތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ތުރުކީން ވަނީ ރަޝިޔާއަށް އިނގިލި ދިއްކޮށް، އާންމު ރައިޔިތުންނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. -- އަލްޖަޒީރާ