ޑރ. މުހައްމަދު މުއިއްޒު

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލައި ލޯނާއި ފްލެޓް ދެނީ

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް އުފައްދަވާނެ ކަމަށާއި އެއާއެކު ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުން ފުރުސަތު ލިބިގެންދާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ޓެކްސީ ޑްރައިވަރުން އަދާކުރަނީ ވަޒީފާއެއް ކަމަށް މިހާރު ނުބަލާ ކަމަށާއި ދަފުތަރާއެކު ޑްރައިވަރުން އަދާކުރަނީ ރަސްމީ ވަޒީފާއެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

އެއީ ގާނޫނީ ހައިސިއްޔަތު އޮންނަ ދަފުތަރެއް ކަމަށާއި ދަފުތަރާއެކު ގިނަ ފުރުސަތުތަކެއް ޓެކްސީ ޑްރައިވަރުންނަށް ފަހިވެގެންދާނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

"ހައުސިން އާއި އިންޝިއުރެންސް އާއި ލޯނުތަކަށް ކުރިމަތިލެވޭނެ. މި ބޭފުޅުންގެ ބާވެފައި ހުންނަ ވެހިކަލް އާކުރަން ފަސޭހަކަމާއެކީ ލުއި ލޯނު ނެގޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއް ކަމަށާއި ބޯހިޔާވަހިކަމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުން ބަޔަކު މަހުރޫމް ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ޓެކްސީ ޑްރައިވަރުންނަށް ވަކި ޕަސެންޓެއް ކަނޑައަޅަން ދަފްތަރާއެކު ފަސޭހަވެގެންދާނެ ކަމަށެވެ.

"ތިބޭފުޅުންނަށް މި ފަސޭހަކަން ހޯދައިދޭން އަޅުގަނޑަށް މަގުފަހި މިވަނީ މި ދެންނެވި ދަފުތަރު އުފައްދައިގެން. އޭގެ ތެރެއިން ގާނޫނީ ބާރުވެރިކަން ލިބިގެން އައީމަ،" މުއިއްޒު ވިދާޅުވި އެވެ.