ޑިމޮކްރަސީ ވީކް ފާހަގަ ކުރުމަށާއި އިލެކްޝަން ކޮމިޝަން (އީސީ) އަށް އެހީ ފޯރުކޮށްދިނުމަށް، އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީޒް (އޭވެބް) ގެ ސެކެޓަރީ ޖެނަރަލް ކިމް ޔޮން ހައި ރާއްޖެ ވަޑައިގަނެފި އެވެ.
ޑިމޮކްރެސީއަށް ހޭލުންތެރިކޮށް އަދި އަހުލުވެރި ކުރުވުމުގެ މަގްސަދުގައި އީސީން މި ހަފްތާތެރޭ ފާހަގަ ކުރާ ޑިމޮކްރަސީ ވީކް ކުރިޔަށް ގެންދަނީ ހއ. ހޯރަފުށީގަ އެވެ. އަދި އޭގެ ހަރަކާތްތަކުގައި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރި ވާނެ ކަމަށް އީސީ އިން ބުނެ އެވެ.
އޭވެބްގެ ސެކެޓަރީ ޖެނަރަލް ކިމް ޔޮން ހައި ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އީސީގެ ރައީސް ވިދާޅުވީ އޭވެބްގެ ސެކަޓަރީ ޖެނަރަލްގެ މި ދަތުރުފުޅުގެ މަގްސަދަކީ ޑިމޮކްރަސީ ވީކް ފާހަގަ ކުރުމަށާއި އީސީ އަށް އެހީތެރިކަން ފޯރުކޮށްދޭން ހުރި ދާއިރާ ތަކަށް ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން ކަމަށެެވެ.
"ރާއްޖެއަށް އޭވެބް ފަރާތުން އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތައް ބެއްލެވުމަށް ފަހު އަޅުގަނޑުމެންނާއި އެކު މަޝްވަރާތަކަށް ފަހު ދެފަރާޓުގެ މެދުގައި އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.
މި ހަފްތާ ތެރޭ ކުރިޔަށް ގެންދާ ޑިމޮކްރަސީ ވީކްގެ ހަރަކާތްތައް ހޯރަފުށީގައި ކުރިއަށް ދާއިރު މާލޭގައި ވެސް މި ވީކް ގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އީސީގެ މި ހަރަކާތަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނީ ފަސް ލައްކަ ރުފިޔާ ކަމަށާއި ގިނަ ހަރަދުތައް ކުރާނީ މި ވީކްގައި ބައިވެރިވާ ކުންފުނިތަކުން ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.